ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހަށް ހާޒިރުނުކުރުމަކީ ހިންގަވާ ވަރަށް ބޮޑު ޖަރީމާއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާއަށާއި، މިއަދުގެ ޖަލްސާއަށްވެސް ގާސިމް އިބްރާހިމް ހާޒިރުކޮށްފައިނުވާތީ އެކަމާއި ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި މެމްބަރަކު ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި ބާއްވާ، މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެ އެވެ.
ގާސިމް މިވަގުތު ހުންނެވީ ފުލުހުން ކުރަމުންދާ ބޮޑެތި ތުހުމަތުތަކަކާއި ގުޅިގެން އުސޫލުތަކުން ބޭރުން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައެވެ.
މެންބަރު ރޮޒައިނާ އާދަމް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ މިއަދުވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހަށް ހާޒިރުކޮށްފައި ނުވާކަަށެވެ. އަދި އެއީ މަޖިލީހުގެ ގަވާއިދާއި ގާނޫން އަސާސީއާއި ދެކޮޅަށް ހިންގަވާ ވަރަށް ބޮޑު ޖަރީމާއެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުކުރަން ނިންމާފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
މާމިގިލީ ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް ބަންދުކޮށްފައި ހުރީ ތަހުގީގު ކުރާ މައްސަލައެއްގައި ކަމަށްވާތީ ގާސިމް މަޖިލީހަށް ހާޒިރު ނުކުރަން ފުލުހުން ނިންމީ ގާނޫނީ ކޮން ކަމަކަށް ބަލައިގެންތޯ ދެންނެވުމުން އޮފިސަރު އެ ސުވާލަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގުޅިފައިވާ ޕާޓީ ތަކުގެ ބައެއް މެންބަރުން ވިދާޅުވީ ގާސިމް އިބްރާހީމް ޖަލްސާތަކަށް ހާޒިރު ކުރެވެން ވާނެ ކަމަށާއި ގާސިމް ހުރީ ގާނޫނާ ހިލާފަށް ބަންދުކުރެވިފައި ކަމަށެވެ. އަދި ގާނޫނީ އިމުން ބޭރުން ފުލުހުން ތަކުރާރުކޮށް އަމަލުކުރަމުންދާކަމަށާ އެކަންކުރަމުންދާ ފުލުހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރެވޭނެކަމަށެވެ.
ގާސިމް މަޖިލީހަށް ހާޒިރުނުކުރުމަކީ ހިންގާ ބޮޑު ޖަރީމާއެއް: ރޮޒައިނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ