ގާސިމް ހައްޔަރުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު އިތުރު ދެރައެއް: ޑޯރިސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު އިތުރު ދެރައެއް ކަމަށް ވިދާޅުވެ، ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީއާ އެކު ބުދަ ދުވަހު ޑޯރިސް ބޭއްވެވި ބައްދަލުކުރެއްވުމަކާ ބެހޭ ގޮތުން އެ ދުވަހު ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓަކަށް އިޝާރާތްކުރައްވަމުން ޑޯރިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮޓޯއިން ފެންނަ އިދިކޮޅު ލީޑަރު މިހާރު ހުންނެވީ ޖަލުގައި ކަމަށެވެ.
"މިއީ އަޅުގަނޑު ބުދަ ދުވަހު ކުރި ޓްވީޓެއް. މި ފޮޓޯގައި އެވާ، އިދިކޮޅު ޕާޓީގެ ލީޑަރު އިއްޔެ ވަނީ ޖަލަށް ލާފައި. ދިވެހިރާއްޖޭގެ ޑިމޮކްރީއަށް އަނެއްކާވެސް ހިތާމައިގެ ދުވަހެއް،" ޑޯރިސްގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
އިދިކޮޅު ފަރާތްތަކާ އެކު ޑޯރިސް ބުދަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު އެ ދުވަހު ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްގެ އިންތިހާބާ ދިމާކޮށް ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކެންޑިޑޭޓުންނަށް ކުރިމަތިކުރަމުން އަންނަ ފިއްތުންތަކާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ދިވެހިންގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށެވެ.
I tweeted this on Wednesday. Yesterday opposition party leader in the photo was taken to prison. Another sad day for democracy in #Maldives. https://t.co/rnbgPW3EzL— James Dauris (@JamesDauris) April 7, 2017
އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސްގެ ޓްވީޓްޑޯރިސްގެ ދަތުރުފުޅުގައި އިދިކޮޅު ޕާޓީތަކުގެ އިތުރުން ސަރުކާރުގެ ވެރިންނާ ވެސް ބައްދަލުކުރައްވާފައިވެ އެވެ. ފިޝަރީޒް މިނިސްޓަރު އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ސަރުކާރުން ކަނޑައަޅާފައިވާ އިސް މަންދޫބު ޑރ. މުހައްމަދު ޝައިނީ އާއި ފޮރިން މިނިސްޓަރު މުހައްމަދު އާސިމްއާ ވެސް ޑޯރިސް ބައްދަލުކުރެއްވި އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރުން ޑިމޮކްރަސީއަށް ކުރާ މަސައްކަތަށް އިނގިރޭސި ވިލާތުން އެއްބާރުލުން ދޭނެ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިނގިރޭސި ސަރުކާރުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
ޑޯރިސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑިމޮކްރަސީ ފައްކާވާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންވާ ކަން، ސަރުކާރާ އެކު ބޭއްވި ބައްދަލުވުންތަކުގައި ވާނީ ހަނދާންކޮށްދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ