އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭނީ ޝައްކުތައް ފިލުވާފައި: މައުމޫން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވަން ޖެހޭނީ ފުރަތަމަ ބުރާ މެދު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝައްކުތައް ފިލުވާލުމަށް ފަހު ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.ޕީޕީއެމުން ކާނިވާ ސަރަަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔަ ގޮތާއި ނަތީޖާއާ މެދު ވެސް ބޮޑެތި ޝައްކުތަކެއް ކުރެވޭތީ ޖުމްހޫރީ ޕާޓީން ކޯޓަށް ވެއްދި މައްސަލަ އަށް ޕީޕީއެމުން ތާއީދުކުރާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ސަލާމަތް ކުރުމަށާއި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އެ މައްސަލަތައް ކޯޓުތަކުން ވަރަށް ރަނގަޅަށް ބަލައި ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝައްކުތައް ފިލުވައިގެން ނޫން ގޮތަކަށް އިންތިހާބުގެ ދެވަނަ ބުރު ބާއްވައިފި ނަމަ އެއީ އިންތިހާބެއް ކަމަށް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ."ދެވަނަ ބުރު އިރާދަ ކުރެއްވިއްޔާ މި މަހުގެ 28 ވަނަ ދުވަހު އޮންނާނެ. އެކަން ވަނީ އިއުލާން ކުރައްވާފައި. ސުޕްރީމް ކޯޓުން މައްސަލަ ނިމޭ ގޮތުން ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް ދެން ބޭއްވޭ އިންތިހާބެއްގެ ދެވަނަ ބުރު ބާއްވަން ޖެހޭނީ ރައްޔިތުންގެ ހިތުގައި ހުރި ޝައްކުތައް ފިލުވައިގެން. އެ ނޫން ގޮތަކަށް އިންތިހާބުގެ ދެވަނަ ބުރު ރައްޔިތުން ގަބޫލެއް ނުކުރާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.މައުމޫން ވިދާޅުވި ގޮތުގައި އިންތިހާބުގެ ހުރިހާ މަރުހަލާއެއް ވެސް ދާން ޖެހޭނީ ދެފުށް ފެންނަ އަދި ގާނޫނުތަކާއި ގަވާދުތަކާ އެއްގޮތަށެވެ. އަދި އެއީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އިންތިހާބެއް ބޭއްވުމުން ނުނިމޭކަން ފާހަގަ ކުރައްވައި މައުމޫން ވިދާޅުވީ އެއީ ރައްޔިތުން ލީ ވޯޓުގެ ހަގީގީ ނަތީޖާ ދައްކައިދޭކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ."އިންތިހާބެއް ބޭއްވުމަކުން ނުފުދޭނެ. އިންތިހާބެއް ބާއްވަން ޖެހޭނީ ގާނޫނާއި ގަވާއިދުގެ ތެރެއިން. ރައްޔިތުން މިނިވަންކަމާ އެކު ދޭ ވޯޓުގެ ނަތީޖާ ވަރަށް ރީތިކޮށް އިތުބާރު ހުރި ގޮތަކަށް އެ ނަތީޖާ އިން ފެންނަން ޖެހޭނެ. އެހެން ނޫނީ އެއީ އިންތިހާބެއް ނޫން،" މައުމޫން ވިދާޅުވި އެވެ.އިސްލާމްދީނާއި ދިވެހިރާއްޖޭގެ އިގްތިސޯދާއި ހަމަޖެހުން ދިފާއު ކުރުމަށްޓަކައި އެންމެން އެއް ފިކުރެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ. ގައުމުގެ ޑިމޮކްރަސީ އާއި ހަމަޖެހުން ބިނާ ވެފައި ވަނީ އެއްބައިވަންތަ ވުމުގެ ފިކުރުމުގެ މަތީގައި ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރި އެންމެ ކެންޑިޑޭޓެއް ފިޔަވައި ހުރިހާ ކެންޑިޑޭޓުން ވެސް ތިބީ އެއް އަޒުމެއްގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.މައުމޫން ވިދާޅުވީ ޑީއާރުޕީގެ ކައުންސިލް މެންބަރުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދު ކުރަން ނިންމެވި ބޭފުޅުންގެ ސަބަބުން ދޭހަވަނީ އެ ޕާޓީގެ ކައުންސިލްގައި ތިއްބެވި ހަމަ ވިސްނޭ މެންބަރުން ޑީއާރުޕީ އަށް ތާއީދު ކުރައްވާކަން ކަމަށެވެ. އަދި ޑީއާރުޕީން ނިންމި ނިންމުމާ ގުޅިގެން އެ ޕާޓީގެ ގިނަ މެންބަރުން ޕީޕީއެމަށް ތާއީދު ކުރާކަން ހާމަ ކުރަމުން އަންނަ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.ޑީއާރުޕީގައި 20،000 މެންބަރުން ތިބިއިރު އެ ޕާޓީން ތާއީދުކުރި ކެންޑިޑޭޓް ރައީސް މުހަންމަދު ވަހީދަށް އެންމެ 10،000 ވޯޓު ލިބިވަޑައިގަތުމުން ދޭހަވަނީ ޑީއާރުޕީގެ ގިނަ މެންބަރުން އެ ކެންޑިޑޭޓަށް ވޯޓު ނުދެއްވާކަން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ."އެ ޕާޓީގެ ގިނަ މެންބަރުން ޕީޕީއެމާއި އެމްޑީއޭ އިން ހަދާފައިވާ ކޯލިޝަނަށް ތާއީދު ކުރައްވާ. އެކަން ފުރަތަމަ ބުރުގައި ވެސް ފެންނަން އެބަ އޮތް،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ