ގޭންގްތަކާ ޔާމީނާ ގުޅުމެއް ނެތް: އުމަރު

ރައީސް އަބްދުﷲ ޔާމީނަކީ ގޭންގްތަކާ ގުޅުން އޮތް ބޭފުޅެއް ކަމަށް ކުރިން ތުހުމަތު ކުރެއްވި ނަމަވެސް އެފަދަ ގުޅުމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ."ރައީސް އަބްދުﷲ ޔާމީން އަކީ އެއްވެސް ގޭންގް އަކާއި ގުޅުންހުރި މީހެއް ނޫނޭ،" ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ކުރެއްވި ސުވާލުގެ ޖަވާބުގައި އުމަރު ވިދާޅުވި އެވެ.މި ޖަވާބާ ގުޅިގެން އެހެން އެއްވެސް މެމްބަރަކު މިނިސްޓަރާ ސުވާލެއް ނުކުރައްވަ އެވެ.މިދިޔަ އަހަރު ބޭއްވި ޕީޕީއެމްގެ ޕްރައިމަރީގައި އުމަރުގެ އިތުރުން އޭނާގެ ކެމްޕެއިން ޓީމުން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ޔާމީނަކީ ގޭންގްތަކާ ގުޅުން އޮންނަ ބޭފުޅެއްގެ އިތުރުން ހިޔާނާތުގެ ތުހުމަތު ވެސް އުމަރު އޭރު ކުރެއްވި އެވެ. އަދި އުވިދިޔަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގައި ބައިވެރިވި މީހަކާ ޔާމީން ބައްދަލުކުރެއްވި ކަމަށް ވެސް އުމަރު ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވިދާޅުވެފަ އެވެ."[ޕީޕީއެމް] ގެ ރިޔާސީ ޓިކެޓް ހިއްޕަވައިގެން ހުންނެވީ ހަމަ ރާއްޖޭގައި ކޮރަޕްޝަންގެ އެންމެ މަތީ އެއް ބޭފުޅެއް ކަމަށް އެތައް ބަޔަކު ތުހުމަތުކުރާ މީހެއް. ގޭންގުތައް ކޮންޓްރޯލްކުރާ ކަމަށް ތުހުމަތުކުރާ މީހެއް. މަސްތުވާ އެއްޗިއްސާ ގުޅުން އޮތް ކަމަށް ތުހުމަތުކުރާ މީހެއް،" ޕީޕީއެމްގެ ޕްރައިމަރީއަށް ފަހު، "ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި އޭރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވި ޔާމީނަށް އިޝާރަތް ކުރައްވައި އުމަރު ވިދާޅުވެފައިވެ އެވެ.ޕްރައިމަރީގައި ޔާމީނާ ވާދަކުރައްވައި ބަލިވި އުމަރު ޕީޕީއެމުން ވަކިކުރެއްވީ ވެސް ޔާމީނަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ