ސުޕްރީމް ކޯޓުގެ އަމުރު ގާނޫނު އަސާސީއާ ހިލާފު: މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލާގައި އެ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ހިލާފު އަމުރެއް ކަމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ހާޒިރުވެ ހިއްސާކުރައްވާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެ ކޮމިޓީން އެކުލަވާލި ރިޕޯޓު މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންކަމުގެ ތެރެއަށް، އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ކަނޑައަޅައި ރިޕޯޓުގައި ހިމެނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ އިސްލާހެއް ހުށަހަޅާފައެވެ.
އެ އިސްލާހު ފާސްވީ 64 މެންބަރުންގެ ތާއީދާއެކުއެވެ. އެ އިސްލާހު ރިޕޯޓްގައި ހިމަނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓް ނުދެއްވާއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވި އެވެ.
ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ބަލައިނުގަނެ ދީދީގެ ސަސްޕެންޝަން ދަމަހައްޓާފައެވެ. އަދި ޖޭއެސްސީގެ ނިންމުން ސައްހަ ކަމަށް ކަނޑައެޅުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ފަނޑިޔާރު ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމީ ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު ހުށަހެޅުމަކާ ގުޅިގެންނެވެ.
އެ ހުށަހެޅުން ޖޭއެސްސީ އަށް ހުށަހެޅުއްވީ އެ ކޮމިޝަނުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން އެ މައްސަލާގައި އެދިފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާތީ ދީދީގެ މައްސަލަ ބަލައިދިނުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދީދީއާ ގުޅޭގޮތުން ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެކެވެ. 2015 ވަނަ އަހަރުތެރޭ އެ ފައިސާ ޖަމާކޮށްފައިވަނީ ފަނޑިޔާރު ދީދީގެ އަނބިކަނބަލުންގެ ނަމުގައި މެލޭޝިއާގައި ހުޅުވާފައި ހުރި ޑޮލަރު އެކައުންޓަކަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ