ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާގެ ތެރެއިން، ޢަބްދުﷲ ޖާބިރު، އެ މަޖިލީހެއްގައި ހަމައެކަނި ތަމްސީލް ކުރައްވަން ބޭފުންފުޅުވެލައްވަނީ ކާށިދޫ ދާއިރާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެހެން ދާއިރާ ތަކަށް ކުރަމަތިލެއްވުމަށް ވަރަށް ގިނަ ބޭފުޅުންގެ ފަރާތުން ހުށަހެޅުންތައް ލިބިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ކާށިދޫ ދާއިރާގެ ގޮނޑި ނޫން ގޮނޑިއެއް މަޖިލިސް ތެރެއިން ބޭނުންފުޅު ނުވާ ކަމަށެވެ.
"އަޅުގަނޑު ކައިރި ވަރަށް ގިނަ ބޭފުޅުން ވިދާޅުވާނެ، މަޖިލީހުގެ މިވެނި ދާއިރާ އަކަށް ކުރިމަތިލެއްވުން މާ ރަނގަޅު ވާނޭ. ނަމަވެސް ފެށުނީންސުރެ އަޅުގަނޑު ބޭނުންވާ ހަމަ އެކަނި ދާއިރާ އަަކީ ކާށިދޫ ދާއިރާ. އަޅުގަނޑުގެ ހިތުގަ ވަރަށް ބޮޑު އިސްކަމެއް ދެވިފައި އޮތް ދާއިރާ އެއް ކާށިދޫ ދާއިރާ އަކީ." ޖާބިރު ވިދާޅުވިއެވެ.
ކާށިދޫ ގާފަރު ހިމެނޭ ކާށިދޫ ދާއިރާގެ ރައްޔިތުންގެ ތެރެއިން، މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނާއި، ޖާބިރުގެ ކެމްޕެއިން ޓީމުގެ ފަރާތުން ރޭ ވަނީ ބައްދަލުކުރައްވާފައެވެ.
ޑައިޓްނޯމޯ ޓެސްޓޯރެންޓުގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޖާބިރުގެ އަނބިކަނބަލުން، ދިޔާނާ ސަޢީދު ވިދާޅުވީ، ކާށިދޫ ދާއިރާ އާއި ގުޅޭގޮތުން ވަރަށް ރަނގަޅު ތަޞައްވަރެއް ޖާބިރު ގެންގުޅުއްވާ ކަމަށާއި، އެކަން ހަޤީޤަތަކަށް ހެއްދެވުމަކީ އަބަދުވެސް، ޖާބިރު ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށެވެ.
"ދާއިރާގެ ރައްޔިތުންނާއި މެދުގަ ތަޞައްވަރެއް ގެންގުޅުއްވާ ހަމައެކަނި ބޭފުޅަކީ ޖާބިރު. އެކަން ރައްޔިތުންގެ މަޖިލީހުގެ ބަހުސް އިން ވެސް އަޅުގަނޑުމެންނަށް އެނގިގެން ދިޔަ. ހުރިހާ ކެނޑިޑޭޓުންގެ ތެރެއިންވެސް، ފުން، ފުޅާ ތަޞައްވަރެއް ގެންގުޅުއްވާ ހަމަ އެކަނި ކެނޑިޑޭޓަކީ ޖާބިރުކަން އަޅުގަނޑުމެންނަށް އެނގިގެން ދިޔަ. ޖާބިރުގެ އެންމެ ބޮޑު ތަޞައްވަރަކީ ދާއިރާ ތަރައްޤީވެގެން ދާއިރުގައި ރައްޔިތުންގެ ޖީބު ތަނަވަސްވުން. ރައްޔިތުންގެ ދިރިއުޅުން ތަނަވަސްވެގެން ދިއުން. ތަޢުލީމާއި ޞިއްޙީ ދާއިރާ އަށްވެސް ހެޔޮ ބަދަލުތަކެއް އަންނަ އެބަ ޖެހޭ." ދިޔާނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ދިޔާނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްޞިލުކުރުމަށް ޖާބިރަށް ލިބިވަޑައިގެންނެވި ދެ އަހަރު ދުވަހުގެ ތެރޭގައި ދާއިރާ އަށް ތަރައްޤީގެ އެތަށް މަޝްރޫއެއް ގެނެސްދެއްވާފައިވާ ކަމަށާއި، އެކަން ދާއިރާގެ ދެ ރަށުންވެސް ފެންނަން ހުންނާނެ ކަމަށެވެ.
"ކާށިދޫ ދާއިރާ އަށް ޖާބިރު ހޮވިވަޑައިގަތީ ބައި އިލެކްޝަނަކުން. ދެ އަހަރު ޖާބިރަށް ލިބިވަޑައިގަތީ. ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ދާއިރާ އަށް ކޮށްދެއްވާފައިވަނީ. ގާފަރަށް އަރާއިރު ކުރިމަތިން އެ ހުރީ ފެންނަން. ހަމަ އެގޮތަށް ކާށިދޫ އަށް އުމްރާނީ ގޮތުން ޖާބިރު ކޮށްދެއްވާފައިވާ ކަންތައްތައް އެހުރީ ފެންނަން." ދިޔާނާ ވިދާޅުވިއެވެ.
ދާއިރާގެ ޒުވާނުންނަށްވެސް ޖާބިރު ވަނީ ކުޅިވަރުގެ އެތަށް ކަމެއް ފަހިކޮށްދެއްވާފައެވެ. އެގޮތުން ފާހަގަކޮށްލެވޭ މަސައްކަތެއްގެ ގޮތުން، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ޖީބުން ޚަރަދުކޮށް، ޒުވާނުން ބޭނުންވާ ފެންވަރަށް، ގާފަރުގެ ފުޓުބޯޅަ ދަނޑު ވަނީ ހައްދަވައިދެއްވާފައެވެ.
މީގެ އިތުރުން، މިހާރުވެސް ޖާބިރު ގެންދަވަނީ އެތައް ކަމެއް ދާއިރާގެ ރައްޔިތުންނަށް ކޮށްދެއްވަމުންނެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ކަންކަން ފެށޭނެ ކަމަށްވެސް ޖާބިރުގެ ކެމްޕެއިން ޓީމުގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.
"މީގެ ކުރިންވެސް ޖާބިރު ވަނީ ދާއިރާ އަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވާފަ. މިހާރުވެސް ގިނަ ކަންކަން ކޮށްދިނުމަށްޓަކައި މަސައްކަތް ކުރައްވަމުންދެންދަނީ. ޖާބިރު އަކީ ވަކި ސިޔާސީ ޕާޓީ އެއް ޕްރޮމޯޓު ކުރަން މަޖިލީހަށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫން. ޖާބިރު ތަމްސީލް ކުރައްވާނީ ރައްޔިތުން. އެއީ ރައްޔިތުންގެ ކެނޑިޑޭޓް" ޖާބިރުގެ ކެމްޕެއިން ޓީމުގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.
ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ކާށިދޫ ދާއިރާއަށް ޖާބިރު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.
މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.
ކާށިދޫ ދާއިރާގެ ގޮނޑި ނޫން ގޮނޑިއެއް ބޭނުމެއްނޫން - ޖާބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ