ޕީއެންސީގެ މަގާމުތަކަށް އައްޔަން ކުރެއްވި ބެއްފުޅުނާ ޔާމީން ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަޝިޕްގެ އެކި މަގާމުތަކަށް މީހުން ހޮވުމަށް އިއްޔެ ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި އިންތިހާބުވި ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.
ޕީއެންސީ އުފައްދާފައިވަނީ ޔާމީންގެ ސަރުކާރު ބަދަލުވެ އޭރު ޔާމީން އަތުން ޕީޕީއެމް އަތުލާ އަނބުރާ ކުރީގެ ރައީސް މައުމޫން އާއި އެޕާޓީ ހަވާލު ކުރަން ގޮވާލުމުންއެވެ. އެގޮތުން އެ ޕާޓީގެ ރައީސްގެ މަގާމަށް އިއްޔެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވޯޓަކާއި ނުލާ އައްޔަން ކުރެވިގެން ދިޔައެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގެންފައިވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވާހަކަފުޅު ދައްކަވާ ވިދާޅުވީ މި ބައްދަލުވުމަކީ ރައީސް ޔާމީން، ޕީއެންސީގެ އައު ލީޑަޝިޕަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އަދި ޕީއެންސީ ވެގެންދާނީ ރާއްޖޭގެ އެންމެ ހަރަކާތްތެރި އިދިކޮޅު ޕާޓީ ކަމުގައިވެސް ނިހާންވަނީ ބުނެފައެވެ.
ޕީއެންސީގެ ނައިބު ރައީސުންގެ މަގާމަށް އިންތިހާބުވެފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު ނިހާންގެ އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ޔާމީން ސަރުކާރުގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ކުރީގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އެވެ.
ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓިގެ ތަފާތު އެކި މަގާމުތަކަށް 139 މަންދޫބަކު ވަނީ ވޯޓު ލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ