އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް: 14 އަހަރުން ދަށުގެ ދެ ބައިގެ ޗެމްޕިއަންކަންވެސް ޖަމާލުއްދީނަށް

ފަސްވަނަ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލް ހޯދައިފި އެވެ.
މިއަހަރުގެ މުބާރާތުގެ 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ކުޅުން ރޭ ނިންމާލިއިރު މިދިޔަ މަހުގެ ކުރީކޮޅު ވަނީ 12 އަހަރުން ދަށުގެ ބައިގެ ކުޅުން ނިންމާލާފަ އެވެ. އެގޮތުން 12 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަންވެސް ހޯދީ ޖަމާލުއްދީނުންނެވެ. އެ ސްކޫލަށް ހަމައެކަނި ކާމިޔާބު ނުކުރެވުނީ 16 އަހަރުން ދަށުގެ ބައެވެ.
14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޖަމާލުއްދީނުން ހޯދީ ފައިނަލް މެޗުގައި އަމީނިއްޔާ ސްކޫލާ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ޖަމާލުއްދީން ސްކޫލްގެ މުހައްމަދު ޔަޝްމު އަހުމަދެވެ.
14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޖަމާލުއްދީން ހޯދީ ފައިނަލް މެޗުގައި ޣާޒީ ސްކޫލްގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ޖަމާލުއްދީން ސްކޫލްގެ ފާތިމަތު ލީމް ބިންތި ޔާސިރެވެ.
މީގެ އިތުރަށް 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަމީނިއްޔާ ސްކޫލުންނެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އިސްކަންދަރު ސްކޫލް ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ އަމީނިއްޔާ ސްކޫލްގެ ރާއިދު ރަޝީދެވެ.
16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަން ޓީމަކީ ރެހެންދި ސްކޫލެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ކ. ގުރައިދޫ ސްކޫލް އަތުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެެހެންދި ސްކޫލްގެ ޒުހާ ހުސެއިން އެވެ.
މިއަހަރުގެ މުބާރާތުގައި ވަނީ މުބާރާތް ކުރިއަށް ގެންދިޔުމުގައި ގަޑިއަށް ފަރުވާ ބަހައްޓާ، ހުރިހާ ލިޔެކިޔުން ވަގުތަށް ހުށަހެޅި ސްކޫލަށް ހާއްސަ ވަނައެއް ދީފަ އެވެ. މިވަނަ ހާސިލުކުރީ ކ. މާފުށި ސްކޫލުންނެވެ. މިއަހަރުގެ މުބާރާތުގައި 78 ޓީމެއް ވަނީ ވާދަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ