ފަހު ވަގުތު ކޮޅުފުށިން 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ މުލަކު އެކުވެރި ކްލަބު ހިފަހައްޓައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކޮންމެ އަތޮޅެއްގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން މ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި ފަހު ވަގުތު ކޮޅުފުށި ޒުވާނުންގެ ޖަމްއިއްޔާ (ކޭޒެޑްޖޭ) އިން ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ މުލަކު އެކުވެރި ކްލަބު (އެމްއީސީ) ހިފަހައްޓައިފިއެވެ.
މުލީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މުލަކު ޓީމުގެ އިސްމާއިލް ޝަހީންއަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެން އެޓީމުން މެޗުގެ ބާކީ ބައި ފުރިހަމަ ކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކުއެވެ.
 
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެއް ކުޅުންތެރިޔަކު މަދުކޮށް، ކުޅެމުންދިޔަ މުލަކު ޓީމުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ނިޒާމްއެވެ. ދެވަނަ ހާފުގެ ކުޅުން ނިމި ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ކޮލުފުށްޓަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ޖަޒްލާންއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މުލަކު ޓީމުގެ ލަނޑު ކާމިޔާބުކޮށްދިން ހުސައިން ނިޒާމްއެވެ.
މިމެޗުން އެއްވަރުވި ނަމަވެސް ގްރޫޕް އޭގެ އެއްވަނައިގައި އަދިވެސް އޮތީ މުލަކު އެކުވެރި ކްލަބެވެ. ކުޅުނު ތިން މެޗުން އެޓީމަށް ލިބިފައިވަނީ ޖުމްލަ ހަތް ޕޮއިންޓެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތް ވޭވަށު އެކުވެރިންގެ ގުޅުމަށް ތިން މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.
މިމުބާރާތުގައި މާދަމާ ވެސް ކުރިއަށްދާނީ ގްރޫޕް އޭގެ މެޗެކެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މަޑުއްވަރީ ޒުވާނުންގެ ޖީލާއި މުލީ އެކުވެރިންގެ ދިރުމެވެ.
މިމުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ މަޑުއްވަރީ ޒުވާނުންގެ ޖީލްއާއި، ކޮޅުފުށީ ޒުވާނުންގެ ޖަމްއިއްޔާއާއި، މުލީ އެކުވެރިންގެ ދިރުމާއި، ވޭވަށު އެކުވެރިންގެ ގުޅުން އަދި މުލަކު އެކުވެރި ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާއާއި، ނާލާފުށި ޔޫތު ޑެވެލޮޕްމެންޓް އެސޯސިއޭޝަނާއި، ރަތްމަންދޫ ޒުވާނުންގެ ޖަމްއިއްޔާގެ އިތުރުން މުލީ ސްޕޯޓްސް ކްލަބެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހު އެވެ. ސެމީއަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ މޮޅު ދެ ޓީމެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ