މޫސާ އަލީ ޖަލީލު ދެއްކެވި ވާހަކަތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި ލޭބާ ޕާޓީން އޭސީސީ އަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ރިޔާސަތުން ނަން އިއްވުމުން މަޖިލީހުން ނުކުމެ ވަޑައިނުގެންފި ނަމަ ސިފައިން މެދުވެރިކޮށް އެ މެމްބަރަކު ނެރުމާ ބެހޭ ގޮތުން އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް މޫސާ އަލީ ޖަލީލް ދެއްކެވި ވާހަކަތައް ތަހުގީގުކޮށް އޭނާއާ މެދު ފިޔަވަޅު އަޅައިދިނުމަށް މޯލްޑިވިއަން ލޭބަ ޕާޓީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ލޭބަ ޕާޓީން އޭސީސީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މޫސާ އަލީ ޖަލީލް މިދިޔަ އާދީއްތަ ދުވަހު މަޖިލީހުގެ ބައެއް މެމްބަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި، މަޖިލިސް ހިނގަމުން ދަނިކޮށް ވެސް މަޖިލީހުގެ ތަޅުމަށް އަސްކަރިއްޔާ އަށް ވަދެވިދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުން އަންގަވާ ގޮތެއްގެ މަތިން، ބާރުގެ ބޭނުންކޮށްގެން މަޖިލީހުގެ ތަޅުމުން މެމްބަރުން ނެރުމުގެ އިހުތިޔާރު އަސްކަރިއްޔާ އަށް ލިބިފައިވާ ކަމަށް ވިދާޅުވެ، މެމްބަރުންނަށް "އިންޒާރު ދެއްވައި" އަދި "ބިރު ދެއްކެވުމުގެ ރާގެއްގައި" މޫސާ އަލީ ޖަލީލް ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް ލޭބަ ޕާޓީގެ ސިޓީގައިވެ އެވެ.
"އެހެންކަމުން އަސްކަރީ ބާރުތަކާ އެކު ރައްޔިތުންގެ މަޖިލިސް ތެރެއަށް އަރައިގަނެ މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރެ ހަދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލު، މަޖިލީހުގެ ބައެއް މެމްބަރުންނަށް އިންޒާރު ދެއްވުމަކީ، މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިގަނެ، މި ހޯދައި ގަންނަ ނާޖާއިޒް ފައިދާގެ ތެރެއިން ލާފައި ގޮށްމުށުގެ އަސްކަރީ ވެރިކަމެއް ރާއްޖޭގައި ހިންގުމުގެ ޕްލޭނެއް މޫސާ އަލީ ޖަލީލް ގެންގުޅުއްވާ ކަމުގެ ވަރަށް ސާފު ހެއްކެއް ކަމުގައި މި ޕާޓީން ދެކޭތީ، މިހާރުން މިހާރަށް މޫސާ އަލީ ޖަލީލް ތިޔަ ކޮމިޝަންގެ ކުރިމައްޗަށް ހާޒިރުކޮށްދެއްވައި، މީނާ މި ދެއްކި ވާހަކަތަކުގެ ނިޔަތާއި މަގުސަދު ތަހުގީގުކޮށްދެއްވައި، މީނާގެ ހީލަތްތެރި ރޭވުމެއްގެ ދަށުން އަސްކަރީ ވެރިކަމަކަށް މި ގައުމު ފުރޮޅާ ނުލަނީސް މީނާ އާ މެދު ފިޔަވަޅު އަޅުއްވައި އިންސާފުގެ ކުރިމައްޗަށް މީނާ ހާޒިރުކޮށްދެއްވުން އެދެމެވެ،" ލޭބަ ޕާޓީގެ ސިޓީގައިވެ އެވެ.
އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ މަޖިލީހުގައި، ސިޔާސީ އަދި ގާނޫނީ ހިޔާލު ތަފާތުވުންތަކުގެ އޮއިވަރުގެ ތެރެއަށް އަސްކަރިއްޔާއިން ވަދެ، މަޖިލީހުގެ ރިޔާސަތާއި ބާރު އޮތް ފަރާތްތަކުން އަންގާ ގޮތެއްގެ މަތިން މައިނޯރިޓީ މެމްބަރުން މަޖިލީހުގެ ތަޅުމުން ބޭރު ކުރުމަށް ބާރުގެ ބޭނުން ކުރުމަކީ ގާނޫނު އަސާސީއާ މުޅިން ހިލާފު އަމަލެއް ކަމަށެވެ.
"އަދި މިއީ ދައުލަތް ހިންގުމުގެ އެއްބާރުގެ ސިޔާދަތާއި ކަރާމާތް ގެއްލުވާލައި، ގޮށްމުށުގެ އަސްކަރީ ވެރިކަމެއް ގައުމުގައި ހިންގަން ފަށައިގަތުން ނޫން ދެވަނަ ކަމެއް ނޫނެވެ،" ލޭބަ ޕާޓީގެ ރައީސް ސަލީމް ސޮއިކުރައްވާފައިވާ ސިޓީގައިވެ އެވެ.
ސިޓީގައި އިތުރަށް ބުނެފައި ވަނީ މަޖިލީހުގެ ކޮމެޓީތަކަށް މެމްބަރުން ބަހާލުމުގެ ކަންތައްތަކުގައި މެމްބަރުން ހިންގަވާ ހަރަކާތްތަކަކީ މަޖިލީހުގެ އެތެރޭގެ މައްސަލައެއް ކަމަށެވެ. އަދި ކުރިން ވެސް އެފަދަ އެކިއެކި މައްސަލަތަކުގައި ބައެއް ފަހަރަށް ނިޒާމީ ނުކުތާގެ އޮއިވަރު ދިގުލައި، ވިދިވިދިގެން އެތައް ޖަލްސާއެއް ހުއްޓާލަން ޖެހިފައި އެބަހުރި ކަމަށާއި އެކަންކަން ޕާޓީތަކުގެ ޕާލަމެންޓްރީ ލީޑަރުންނާ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ މަންދޫބުންނާ މަޝްވަރާ ކުރައްވައި، އެ މައްސަލަތަށް މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ހައްލު ހޯދާފައިވާ ކަމަށް ވެސް ލޭބަ ޕާޓީން ބުނެ އެވެ.
ލޭބަ ޕާޓީން އޭސީސީ އަށް ފޮނުވި ސިޓީ އާއެކު އެމްއެންޑީއެފްގެ ލީގަލް ޑިޕާޓްމަންޓުން މޫސާ އަލީ ޖަލީލަށް ދީފައިވާ ގާނޫނީ ލަފާގެ ކޮޕީ ވެސް ހިމަނަފާއިވެ އެވެ.
ލޭބަ ޕާޓީން ބުނީ ގާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ގޮތަށް ހުރި، ކުރީގެ ބައެއް ސިޓީތައް ގާނޫނީ ހުއްޖަތްތަކަށް ބަލައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަމުރުގެ ދަށުގައި ތިބި މޭޖަރުންނާއި އެހެން ރޭންކްތަކުގެ މީހުންގެ ގާނޫނީ ލަފާ "އެދިވަޑައިގަންނަވާ ގޮތަކަށް އަތުލައްވަވައިގެން" ކޮންމެ ފަދަ "ނުސިޔާނު އަމަލެއް" ވެސް އޭނާ ހިންގަވާފާނެކަން މަޖިލީހުގެ މެމްބަރުންނާ އެކު ދެއްކެވި ވާހަކަތަކުން ކަށަވަރުވާ ކަމަށެވެ. އަދި ކުރިން ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް ކަމަށް ވިދާޅުވެ "ސުޕްރީމް ކޯޓުގެ ތަޅު އަޅުވައި" އަދި "ޖޭއެސްސީ ހިސާރު ކުރުމުގެ ހަރަކާތްތަކެއް" ވެސް މޫސާ އަލީ ޖަލީލު ހިންގަވާފައިވާ ކަމަށް ލޭބަ ޕާޓީން ތުހުމަތު ކޮށްފައިވެ އެވެ.
މޫސާ އަލީ ޖަލީލު ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެމްއެންޑީއެފުން ކުރެވުނު ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި އެކަން ކުރައްވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް، މިކަމާ ބެހޭ ގޮތުން މަޖިލީހުގެ އިދާރާ އަށް ގާނޫނީ އެއްވެސް ލަފައެއް ދީފައި ނުވާނެ ކަމަށް އެމްއެންޑީއެފުން އިއްޔެ ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ