ޝްވެކް ސިނަމާގައި ޝޯތައް ދައްކަމުންދާ ފިލްމް "ވިޝްކާ"ގެ މައްސަލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ސިވިލް ކޯޓަށް މިމައްސަލަ ހުށަހެޅީ ދިވެހި ފިލްމީ ދާއިރާގައި އެތައް އަހަރަކު މަސައްކަތްކޮށްފައިވާ ހަސަން ހަލީމް (ކޮކޯ) އެވެ.
ކޮކޯ ހަސަން "ވިޝްކާ"ގެ މައްސަލަ ކޯޓަށް ހުށަހެޅީ މިފިލްމުގެ މިލްކުވެރިކަމުގެ މައްސަލައެއްގައި ވިޝްކާގެ ޕްރޮޑިއުސާ އަދި ބަތަލާ އައިޝަތު ރިޝްމީއާ ދެކޮޅަށެވެ.
ކޮކޯ ހަސަންގެ ދައުވާގައި އޭނާ ބުނެފައިވަނީ މިފިލްމަކީ އޭނާގެ މިލްކުވެރިކަމުގެ ދަށުގައި އޮއްވާ ހުއްދަ ހޯދުމެއްނެތި ރިޝްމީ ޕްރޮޑިއުސް ކޮށްފައިވާ ފިލްމެއް ކަމަށެވެ. އަދި މިފިލްމަކީ އޭނާގެ އަމިއްލަ ފިލްމެއް ކަމަށް ހެކިދެއްކޭ ވަރުގެ ލިޔުންތައް އޭނާއަތުގައި ހުރިކަމަށްވެސް ބުނެ އެވެ.
ނަމަވެސް މިމައްސަލައިގެ ދައުވާއަށް ރިޝްމީ ވަނީ އިންކާރުކޮށްފަ އެވެ. ރިޝްމީ ބުނީ މިފިލްމަކީ އޭނާގެ ފިލްމެއް ކަމަށާއި ފިލްމު އުފެއްދުމަށް ކޮކޯ ހަސަންގެ އެއްވެސް އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން މިފިލްމްގެ މިލްކްވެރިކަމާ މެދު ކޮކޯ ހަސަން އެކުރާ ދައުވާއަކީ ހަގީހަތާއި ހިލަފު ދައުވައެއް ކަމަށްވެސް ބުނެފައިވެ އެވެ.
މި މައްސަލާގައި ކޯޓުން ބޭރުގައި މައްސަލަ ސުލްހަ ކުރުމަށް ވަގުތު ދިނުމުގެ މަރުހަލާ ނުވަތަ ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާ ނިންމާލުމަށްފަހު މިމައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ތާވަލްކުރި އިރު ކޮކޯ ހަސަން ކޯޓަށް ހާޒިރުވެފައި ނުވާތީ މިމައްސަލަ ވަނީ ކޯޓުން ބޭރުކޮށްލާފަ އެވެ. މައްސަލަ ހުށަހަޅާ ފަރާތުން މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ދައުވާ ބޭރުކޮށްލުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ.
މި މައްސަލާގައި ކޯޓުން ނިންމާ ގޮތަކަށް އިހްތިރާމްކުރާނެ ކަމަށް ކޮކޯ ހަސަން މީގެ ކުރިން ބުނެފައިވެ އެވެ. އަދި މައްސަލަ އޭނާއާ އެއްކޮޅަށް ނުނިމިއްޖެނަމަ ރިޝްމީގެ ކިބައިން މައާފަށް އެދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮކޯ ހަސަން މިއަދު ކޯޓަށް ހާޒިރުނުވި ސަބަބެއް އަދި ވަނީ ސާފު ވާގޮތް ނުވެފަ އެވެ.
ވިޝްކާގެ މައްސަލަ ކޯޓުން ބޭރު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ