ޖިނާއީ ކޯޓުން ދަރުބާރުގޭގައި ބާއްވަވާ ޝަރީއަތްތައް އަންނަ މަހު އަލުން ފައްޓަވަނީ

އާދަމް ހަލީމް
ޖިނާއީ ކޯޓުން ދަރުބާރުގޭގައި ހިންގަވަމުން ގެންދަވާ ޝަރީއަތްތައް އަންނަ އަންނަ މަހު އަލުން ފައްޓަވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޖިނާއީ ކޯޓުން ދަރުބާރުގޭގައި ކުރިޔަށް ގެންދެވި ޝަރީއަތްތަކަކީ މ. އޭޝިޔާ ހަސަން އީވާން ނަސީމު މަރާލި ހާދިސާގައި ދައުލަތުން ދައުވާ ކުރައްވާ މީހުންނާއި 2003 ވަނަ އަހަރު ސެޕްޓެމްބަރު 20 ވަނަ ދުވަހު ކ. މާފުށީ ޖަލުގައި ބަޑި ޖެހި ހާދިސާ އާއި އެ ދުވަހު މާލޭގައި ހަމަ ނުޖެހުން ހިންގި މީހުންގެ މައްޗަށް ކުރައްވާ ދައުވާތަކުގެ މައްސަލަތަކެވެ. މި ޝަރީއަތްތައް ދަރުބާރު ގޭގައި ފެއްޓެވީ މި އަހަރުގެ މާޗު މަހުގަ އެވެ.
ޖިނާއީ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ހުސެން ރަޝީދު ޔޫސުފު ވިދާޅުވީ މިދިއަ ރޯދަ މަހާ ހަމައިން ދެ ވަނަ ފަހަރަށް މެދުކަނޑާލެއްވި ޝަރީއަތްތައް ޑިސެމްބަރު މަހުގެ ތެރޭގައި ފެއްޓެވުމަށްޓަކައި ކުރަން ޖެހޭ ތައްޔާރީތައް ވެސް މިހާރު ވަމުން ގެންދަވާ ކަމަށެވެ.
"ލަސްވަމުން މިދަނީ ދަރުބާރުގެ ހޯދުން ކަހަލަ ކަންތައްތައް ވެސް ހުރުމުން. ވަކި ތާރީހެއް ދަންނަވަން އަދި ނޭނގުނަސް ޑިސެމްބަރު މަހު އަލުން ފަށާނަން،" ހުސެން ވިދާޅުވި އެވެ. "މިފަހަރު ކުރިޔަށް ގެންދާނީ އެއްކޮށް ޝަރީއަތްތައް ނިންމާލުމަށް."
ޖިނާއީ ކޯޓުން ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މައްސަލަތަކުގެ ގިނަ ދައުވާތައް މިހާރު ވަނީ ޝަރީއަތުގެ އަޑު އެހުން ނިންމަވައި ހުލާސާ ބަޔާން ވެސް ނަންގަވާފަ އެވެ. އަދި ތިން މައްސަލައެއް ވަނީ ނިޔާ ކަނޑައަޅުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ