އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް މެދުނުކެނޑި ދަނީ މަސައްކަތް ކުރަމުން: ފެނަކަ

އައްޑޫ ސިޓީއަށް ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދިޔަ ޖަނަރޭޓަރަކަށް މައްސަލަ ދިމާވެގެން، އެ މައްސަލަ އަވަސް ޙައްލެއް ގެނައުމަށްޓަކައި، އިންޖިނިއަރުންގެ ޓީމެއް މެދުނުކެނޑި މަސައްކަތްކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ކުންފުނިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އައްޑޫ ސިޓީގައި ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދިޔަ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެ ސިޓީގެ އެކި ހިސާބުތަކަށް ޚިދުމަތުގެ ދަތިކަން ކުރިމަތިވަމުންދާކަމަށެވެ. އެގޮތުން އެހެން ޖަނަރޭޓަރެއް ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދެމުންދާއިރު، މުޅި އައްޑޫ ސިޓީގެ ލޯޑު ނުހިފެހެއްޓޭތީ، އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑަމުންދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އަދި ކަރަންޓުގެ ޙިދުމަތް ޢާންމު ޙާލަތަކަށް ގެނެވެންދެން މަތީ ލޯޑު ނަގާ އިލެކްޓްރޯނިކް އާލާތްތައް ވީހާވެސް މަދުން ބޭނުންކުރުމާއެކު، ކަރަންޓު ބޭނުންކުރާ މިންވަރު ވީހާވެސް މަދުކުރުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ކުންފުނިން ބުނީ، މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިކަމަކަށްޓަކައި ކަސްޓަމަރުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދޭކަމަށެވެ. އަދި މި ދަނޑިވަޅުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި، ރައްޔިތުންގެ ކެތްތެރިކަން، ފެނަކައިން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ