ތ އަތޮޅު ގުރައިދޫގައި އިރުއިރުކޮޅުން ކަރަންޓް ކެނޑި، ހިފައި ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުން ވަމުންދާތީ އެރަށުގެ ގިނަ ރައްޔިތުން ނުކުމެ އިންޖީނުގެ ދޮށުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ރަށުގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން އެދި ކުރަމުންދާ މިމުޒާހަރާއަކީ ރަށުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މުޒާހަރާއެކެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން ޒުވާނަކު ރާއްޖެ އެމްވީއަށް ބުނީ އިރުއިރުކޮޅުން ކަރަންޓް ކެނޑޭތާ މިހާރު 3 މަހެއްވަރު ވެދާނެ ކަމަށާއި ކަރަންޓުން ބޭނުން ކުރެވޭ ހިފާ ގެންގުޅޭ ގިނަ ސާމާނު ހަލާކުވެފައިވާ ކަމަށެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ޢަލީ ރަޝީދު ރާއްޖެ އެމްވީއަށް ވިދާޅުވީ އިންޖީނަށް މައްސަލަ ދިމާވާތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ދާއިމީ ހައްލެއް ހޯދައިދޭން ފެނަކައިން ބުނާތާ ލައްކަ ދުވަސްވެއްޖެ ކަމަށެވެ. މިހާރު ކޮންމެ ވިއްސަކަށް މިނެޓުން ކަރަންޓް ކެނޑޭ ކަމަށާއި ރައްޔިތުންގެ ވަރަށް ގިނަ ސާމާނު ހަލާކުވެ ބޮޑު ގެއްލުމެއް ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ.
ގުރައިދޫ ފެނަކަ އޮފީސް ދޮރުމަތީ މުޒާހަރާ ކުރާއިރު ރަޝީދު ވިދާޅުވީ ދާދިފަހުން ރައީސް ޔާމީންގެ އަނބިކަނބަލުން އެރަށަށް ވަޑައިގެންނެވުމުން އެކަން ހުށަހެޅުމުން ހަފްތާއެއްގެ ތެރޭގައި ޖަނަރޭޓަރެއް ގެންނަނާނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭރުގެ އެމްޑީ މިހާރުގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްވެސް އެކަން ޔަޤީން ކޮށްދެއްވި ކަމަށެވެ. ނަމަވެސް މިހާރު ފެނަކައިން ބުނަމުންދަނީ ޖަނަރޭޓަރެއް ގެނެވޭވަރުވާނީ ރޯދަމަހު ތެރޭގައި ކަމަށެވެ.
ޢަލީ ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ފެނަކައިން ވަނީ އާ އިންޖީނެއް ގެންނާނެ ކަމަށް ބުނެފައިކަމަށެވެ.
ޕީޕީއެމްގެ ތާއީދު ބޮޑު ގުރައިދޫގެ އާބާދީގައި 2100 މީހުން ދިރިއުޅެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކަރަންޓް މައްސަލައިގައި ގުރައިދޫގައި މުޒާހަރާ ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ