ފަނޑިޔާރުންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި ފަސްވަނަ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުމަށް ބަންޑާރަނައިބުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމުގެ ތަފްސީލުވެސް ހިމެނޭގޮތަށް ހާޒިރީގެ ތަފްސީލު ހިމެނޭ ލިޔުމެއް ހުށަހެޅުމުން ޝަރީއަތުގައި ބޮޑު ބަހުސްއެއް ކުރެވިއްޖެއެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ގެނައި ފަސްވަނަ އިސްލާހަކީ ޤާނޫނު އަސާސީއާ ހިލާފު އިސްލާހެއްކަމަށްބުނެ އެ އިސްލާހް ބާތިލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ ޢަލީ ހުސައިންއާއި، އިބްރާހިމް މުޙައްމަދު ޞޯލިހް (ޢިބޫ) އަދި އަނާރާ ނައީމް ސްޕްރީމް ހުށަހަޅާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، ރައްޔިތުންގެ މަޖިލީހުން "ސިއްރު" ލިޔުމެއްގެ ގޮތުގައި ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާ މެންބަރުންގެ ހާޒިރީއާއި ގުޅޭ ލިޔުން ޝަރީއަތަށްވެސް ހުށަހަޅާފައިވަނީ "ސިއްރު" ލިޔުމެއްގެ ގޮތުގައެވެ. ނަމަވެސް އެ ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކުގެ ހުލާސާ ދައުލަތުގެ ވަކީލާ މާޝާ ޝަރީއަތުގެ މަޖީލީހަށް ހުށަހެޅުމުން އެ ވާހަކަތަކަށް ޖަވާބުދާރީވުމަށް މައްސަލަ ހުށަހެޅި ފަރާތްތަކަށް ފުރުޞަތު އެރުވުނެވެ.
މި ލިޔުން ނުލިބި ޖަވާބުދާރީވާން ދަތިކަމަށްބުނެ މައްސަލަ ހުށަހެޅި ފަރާތްތަކުގެ ވަކީލުން ވަނީ ޖަވާބުދާރީވުމަށް އިންކާރު ކުރައްވާފައެވެ. މިކަމާ ގުޅިގެން ކުޑަ ވަގުތުކޮޅަކަށް ޝަރީއަތް މެދުކަނޑާލުމަށްފަހު ފަނޑިޔާރުން އަލުން ޝަރީއަތް ފެއްޓެވީ އެ ލިޔުމުގައި އެފަދަ ސިއްރު މައުލޫމާތު ހުރިކަމަށް ނުދެކޭ ކަމަށް ވިދާޅުވެ އެ ލިޔުން މައްސަލަ ހުށަހެޅި ފަރާތަށް ޝަރީއަތުގެ މަޖިލީހުގައި ބެލުމުގެ ފުރުޞަތު އެރުވުމަށްފަހުއެވެ.
ނަމަވެސް މި ލިޔުމާއި ގުޅިގެން އިތުރަށް ފަނޑިޔާރުން ސުވާލު ކުރުމުން މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލާ ހިސާން ހުސައިން ވިދާޅުވީ، އެ ލިޔުންތައް "ވެރިފައި" ކުރުމަށް އެއްގަޑިއިރުގެ ވަގުތު ބޭނުންވާކަމަށެވެ. ނަމަވެސް ފަނޑިޔާރުން ނިންމެވީ 35 މިނެޓުގެ ވަގުތު ދިނުމަށްފަހު އަލުން ޝަރީއަތް ފެށުމަށެވެ. މި ނިންމެވުމަށް ދެކޮޅު ހައްދަވައި ހިސާން ވިދާޅުވީ އެއްގަޑިއިރުގެ ވަގުތު ނުދެވޭނަމަ މައްސަލަ ކުރިއަށް ގެންދިއުން އެދޭކަމަށެވެ. އެއާއެކު ފަނޑިޔާރުން ވަނީ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައެވެ.
13 މާރޗު 2018 ވަނަ ދުވަހު ފަނޑިޔާރުންގެ ޤާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ ޖަލްސާއަށް ހާޒިރު ނުވެ، އެދުވަހު މަޖިލީހަށް ސަލާމް ފޮނުވާފައިވާ 28 މެންބަރުންގެ ތެރެއިން 9 މެންބަރަކު އެ ދުވަހު މަޖިލީހުގައި އޮތް ކޮމެޓީ ބައްދަލުވުމެއްގައި ބައިވެރިވެފައިވާކަން ވަނީ މިއަދުގެ ޝަރީއަތަށް ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅި ލިޔުމުން ހާމަވެފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލާ މާޝާ ވިދާޅުވީ، ވަކި ގިންތިއެއްގެ ބިލްތައް މަޖިލީހުން ފާސްކުރިޔަނުދީ މަޖިލީހުގައި ވޯޓަށް އެހުން "ވީޓޯ" ކުރުމަށް ބައެއް މެންބަރުން މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި މަޖިލީހުގައި ވޯޓަށް އަހާފައިވާ 13 ފަހަރެއްގައި ފާހަގަކޮށްލެވޭ 43 މެންބަރަކު އެއިން އެއްވެސް ވޯޓެއްގައި ބައިވެރިވެފައި ނުވާކަން ރައްޔިތުންގެ މަޖިލީހުން ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާ، މިއަދުގެ ޝަރީއަތަށް ހުށަހެޅި ލިޔުމުން ހާމަވެފައިވާކަމަށެވެ.
ދައުލަތުން ހުށަހެޅި މި ލިޔެކިޔުންތަކާއެކު މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލުން ވަނީ މި ލިޔެކިޔުންތަކުގެ ޞައްޙަކަމާމެދު، އަދި ދައުލަތުގެ ވާހަކަތަކާމެދު ސުވާލު އުފައްދާފައެވެ. އެފަރާތުގެ ވަކީލުން ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ މިފަދަ ހާޒިރީއެއް ބަލަހައްޓަމުން ނުދާކަމަށް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ވަކީލުން ވިދާޅުވެފައިވާކަމަށާއި، މިހާރު މިހާ ތަފްސީލު ހާރިރީއެއް ހުށަހެޅުމުން ސުވާލު އުފެދޭ ކަމަށެވެ. މީގެ ކުރިން ބުނެފައިވާނީ މަޖިލީހުގެ ގޯތިތެރެއަށް ވަދެވަޑައިގެން ގޯތި ތެރެއާއި ސައި ކޮޓަރީގައި ތިއްބަވާ މެންބަރުންގެ ހާޒިރީ މަޖިލީހުން ބަލަހައްޓަމުން ނުދާ ވާހަކަ ކަމަށްބުނެ މައްސަލަ ހުށަހެޅި ފަރާތުގެ މި ވާހަކަތަކަށް ދައުލަތުގެ ވަކީލާ މާޝާ ވަނީ ރައްދު ދެއްވާފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޢަލީ ހުސައިން އަދި އަނާރާ ނައީމް ހާޒިރުވެ ތިއްބެވިއިރު، އެ ބޭފުޅުންނަށް ފަނޑިޔާރުން ވަނީ ސުވާލު ކުރިމަތި ކޮށްފައެވެ. އެގޮތުން އެ ދެބޭފުޅުން އެދުވަހުގެ މަޖިލީހަށް ސަލާމް ބުނެފައިވާ ސަބަބު އޮޅުން ފިލުވަން ފަނޑިޔާރުން މަސައްކަތް ކުރެއްވިއެވެ. އެއާއެކު އަނާރާ ނައީމް ވަނީ އެ ދުވަހު ސަލާމް ބުނެފައިވަނީ އާންމު އުސޫލުގެ ދަށުން ސަލާމް ބުނެފައިވަނީ ޖަލްސާ އޮންނަކަން ހެނދުނު އަންގާފައިވާތީ މެންދުރު އޮންނަ ޖަލްސާއަށް ހާޒިރުވާން ދަތިވާތީކަމަށް ވިދާޅުވެފައެވެ. އަދި ސަލާމުގެ އުޒުރު ބަލައިގަނެ މަޖިލީހުގެ އަމީންއާންމުގެ ނާއިބުގެ އެސްއެމްއެސް ލިބިވަޑައިގެންފައިވާކަމަށްވެސް އަނާރާ ވިދާޅުވިއެވެ.
ސަލާމް ބުނި ސަބަބާއި ގުޅޭގޮތުން މެންބަރު ޢަލީ ހުސައިން އަށް ފަނޑިޔާރުން ސުވާލު އަމާޒު ކުރެއްވުމުން އޭނާ ވިދާޅުވީ ސަލާމް ފޮނުވާފައިވާނެ ކަމަށާއި، ސަލާމް ބުނި ސަބަބަކީ ޒާތީ މަޢުލޫމާތަކަށްވާތީ ހާމަ ކުރެވެން ނެތް ކަމަށާއި، އެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުން ސާފު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ވޭތުވެދިޔަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން މިއަހަރުގެ މިހާތަނަށްވެސް މަޖިލީހުގައި ވޯޓަށް އަހާ ޖަލްސާތަކަށް ގިނަ އަދަދެއްގެ މެންބަރުންތަކެއް ހާޒިރު ނުވެ މަޖިލީހުގައި ނަގާ ވޯޓުތައް ވީޓޯކުރަން މަސައްކަތްކުރުމުގެ ސަބަބުން ރައްޔިތުންނާ ގުޅިފައިވާ އިޖުތިމާއީ، އަދި އިޤްޠިޞާދީ ބިލްތަކެއް ފާސްކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ކަން މިހެން ހުރުމުން "ނެސެސީޓީ"ގެ ދަށުން ފަނޑިޔާރުންގެ ޤާނޫނުވެސް ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މަޖިލީހުގެ 25 އިންސައްތަ މެންބަރުން ހާޒިރުވެތިއްބަވާ ޖަލްސާއަކުން ފާސްކުރެވޭނެ ޤާނޫނެއް ކަމަށެވެ.
ވަރުގަދަ ބަހުސްތަކެއް ކުރެވިފައިވާ މި މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތަކުގައި މައްސަލަ ހުށަހެޅި ފަރާތާއި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުންނާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތްތަކުގެ ވަކީލުން ދައުލަތުގެ ވަކީލުން ދައްކަނީ "ދެއުޅިއެއްނުވާ" ވާހަކަތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާއިރު، ދައުލަތުގެ ވަކީލުން ވިދާޅުވެފައިވަނީ ޝަރީއަތުގައި ދައްކަވާ ވާހަކަތައް، މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލުންނަށް އެއްގޮތަކަށްވެސް "ފަހުމް" ނުވާކަމަށެވެ.
ދިގު ބަހުސްތަކަކާއި، ގިނަ ހޯދުންތަކެއް ހޯދާފައިވާ މި ޝަރީއަތުގެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ، މައްސަލައިގެ ޝަރީއަތް ދިރާސާ ކުރުމުގައި އިތުރު އައު ކަމެއް ފާހަގަ ނުވާނަމަ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި މައްސަލައިގެ ހުކުމް އިއްވާނެކަން އިއުލާނު ކުރެއްވުމަށްފަހުގައެވެ.
މަޖިލީހުގެ މެންބަރުންގެ ސަލާމުގެ ތަފްސީލާއެކު ހާޒިރީ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބޮޑު ބަހުސަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ