ސުޕްރީމް ކޯޓުން ރޭ ކުއްލި ގޮތަކަށް ނެރުނު އަމުރެއްގައި އެކޯޓުން މީގެ ކުރިން ކޮށްފައިވާ އެތައް ޙުކުމެއް "އެކޮޅުކޮޅުން" ޖެހުމަކީ އެއްމެނަށް ވެސް ލިބުނު ވަރަށް ބޮޑު ސަޕްރައިޒެކެވެ. ނުވަތަ ހައިރާން ކަމެކެވެ. އެކަމުގެ ހެއްކަކީ އެއްކޮޅު މީހުންނާއި ދެކޮޅު މީހުންނަށް ވެސް އެއަމުރުގައި ހުރި ވާހަކަތައް ފުރަތަމަ ގަބޫލުކުރަން ދަތިވުމެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ނުވަ ބޭފުޅަކުގެ މައްޗަށް ސުޕްރީމް ކޯޓުންނާއި އެނޫން ކޯޓުތަކުން ވެސް ކޮށްފައިވާ ޙުކުމްތައް ބާތިލްކޮށް އެބޭފުޅުން ދޫކޮށްލަން އަމުރުކޮށްފައެވެ. އެއީ އަމުރުގައި ހިމެނޭ އެންމެ ބޮޑު ސަޕްރައިޒެވެ.
ސުޕްރީމް ކޯޓުން ރޭ އަމުރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕީޖީ މުހުތާޒް މުހުސިނާއި ގއ.މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ދޫކޮށްލުމަށެވެ.
ހަމައެއާއި އެކު އަމުރުގައި ބައެއް ބޭފުޅުންގެ ނަންތައް ނުހިމެނުން ވެސް މިވަނީ ބޮޑު ސަޕްރައިޒަކަށް ވެފައެވެ.
އެންމެ ހާއްސަގޮތެއްގައި ފާހަގަ ކުރެވެނީ ދައުލަތުގެ ބިލިއަނަރަށް ވުރެ ގިނަ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ މައްސަލައިގައި ހިމެނޭ އަދީބާއި ހާމިދު ސޭޓް ދޫކޮށްލިއިރު އެމައްސަލައިގައި ހިމެނޭ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ދޫކޮށްލުމަށް ފަނޑިޔާރުން "ހަނދުމަފުޅު ނެތުމެވެ."
އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވާ އެކަން ހިންގި ކަން ސާބިތުވި އަދީބު ދޫކޮށްލަން އަމުރުކުރިއިރު އަދީބާއި އެންމެ ގާތުން އެޖަރީމާ ހިންގުމުގައި ބައިވެރިވިކަން ސާބިތުވެފައިވާ ކެޕްޓަން އަހްމަދު ފަޔާޒް (ޕާޕާ) ގެ ނަން ވެސް ރޭގެ އަމުރުގައި ނެތެވެ. މީގެ އިތުރުން ރައީސްގެ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލަގައި ޖަލަށް ލާފައިވާ ދެމީހަކާއި އަދީބުގެ ދެބޮޑީގާޑުންގެ ނަމެއް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ނެތެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކޮށް ސުޕްރީމް ކޯޓުން ތަކުރާރުކޮށް ކުރަމުން ދިޔަ އަމުރުތަކުގެ ދަށުން ވެސް އަބްދުﷲ ގާޒީ ދޫނުކޮށް ބެހެއްޓި މައްސަލަ ސާބިތުވެ ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވިއެވެ. އެޙުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ތާއިދު ކުރިއެވެ. ނަމަވެސް ހަމަ އެޙުމް ބާތިލްކޮށް ރައީސް ނަޝީދު މިނިވަން ކުރަން ރޭ ވަނީ އަމުރު ކޮށްފައެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ އިން ރައީސް ނަޝީދު ސަލާމަތްވިއިރު އެމައްސަލައިގައި ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ އޭރުގެ ޑިފެންސް މިނިސްޓަރ ޠަލްހަތު އިބްރާހިމް ކަލޭފާނު ދިހަ އަހަރަށް ޖަލަށް ލާން ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލެއް ނުކުރިއެވެ.
އެއްމައްސަލަތަކެއްގައި، އެއްގޮތަކަށް ޝަރީޢަތް ކުރިއަށް ގެންގޮސްފައި ވަނިކޮށް އޭގެތެރެއިން ބައެއް ބޭފުޅުން މިނިވަން ކުރުމަށް ފަހު އަނެއްބައި ބޭފުޅުންނާއި މެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން "ހަމްދަރުދީވެ ވަޑައިނުގެންނެވުން" އެއީ ކޮންކަހަލަ އިންސާފެއްތޯއެވެ؟
ސުޕްރީމް ކޯޓުގެ ޙުކުމުގައި މިނަންތައް ނުހިމެނުމަކީ ވެސް ސަޕްރައިޒެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ