ސުޕްރީމް ކޯޓުން އަމުރު ކުރީ 43 މިނެޓްތެރޭގައި މައްސަލައިގެ ފައިލް ފޮނުވަން

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރުކުރަން ނެރުނު އަމުރު ސުޕްރީމް ކޯޓުން މިރޭ ބާތިލްކޮށް އެމައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ފޮނުވަން ކްރިމިނަލް ކޯޓަށް ދީފައި ވަނީ 43 މިނެޓްގެ ކުޑަ ވަގުތުކޮޅެއް ކަން ކޯޓު އަމުރުގައި ހިމެނިފައިވާ މައުލޫމާތުތަކުން އެނގިއްޖެއެވެ.
ސުޕްރީމް ކޯޓުން މިރޭ ކުރި އަމުރުގައި ވަނީ ހަސަން ހައްޔަރުކުރަން ނެރުނު އަމުރު ތަންފީޒުކުރަމުން ދަނީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ.
އަދި އެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ އަމުރާ ގުޅޭ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީއްސުރެ، އެ މައްސަލައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެނގޭ ގޮތަށް މައްސަލައިގެ ފަައިލް މިރޭ 19:00 ގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވަން އެ ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ އަމުރު ނެރުނު ވަގުން ފެށިގެން އަމުރު ތަންފީޒު ކުރަން 43 މިނެޓް ކްރިމިނަލް ކޯޓަށް ލިބުނުއިރު ވެބްސައިޓްގައި އަމުރު އާއްމުކުރި އިރު އަމުރު ތަންފީޒު ކުރަން އޮތީ 27 މިނެޓެވެ.
ފުލުހުން މިއަދު ހެނދުނު ވިދާޅުވީ ޑީޖޭއޭގެ އިސް މުވައްޒަފެއް ކަމަށްވާ ހަސަން ސައީދު އާއި ގުޅޭ ގޮތުން ރިޝްވަތުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިގެން ބަލަމުންދާ ކަމަށެވެ.
މިމައްސަލައިގައި ބެލި ބެލުމުން މާލޭގައި އިމާރާތްކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމަންޓު ޕްރޮޖެކްޓެއްގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުން ފެލެޓެއް ގަތުމަށް ދާދިފަހުން ކޮށްފައިވާ މުއާމަލާތެއްގެ ކިތާބީ ހެކި ހިމެނޭގޮތުން ރިޝްވަތުގެ މުއާމަލާތްތަކެއްގައި ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
"ފުލުހުންގެ މުއައްސަސާއަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅިގެން، ހޯދުނު ހޯދުންތަކުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކު ވެސް މި ދެންނެވި ހައުސިން ޕްރޮޖެކްޓުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުން ފްލެޓް ބައްލަވައިގަތުމަށްޓަކައި މުއާމަލާތްތަކެއް ކުރެއްވި ކިތާބީ ހެކި ވެސް ލިބިފައިވެ އެވެ. މިކަމުގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ވެސް މި މުއައްސަސާއިން މި ގެންދަނީ ކުރަމުންނެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ހަސަން ސައީދު ހައްޔަރުކުރަން އޭނާ ހޯދަމުން ދިޔަ ނަމަވެސް މިރޭ ސުޕްރީމް ކޯޓުން އެއަމުރު ބާތިލު ކުރުމާއި ހަމައަށް ވެސް ހަސަން ސައީދު ފެނިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ