ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެންބަރު ގާސިމް އިބްރާހީމް އެކަމާ ބެހޭގޮތުން ވާހަކަދައްކަވާފައިވާތީ އޭނާއާ މެދު ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނަވައި ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި އަލީ ހަމީދުއާ ގުޅޭގޮތުން ކުރަމުންގެންދާ ތަހުގީގު ނުނިމެނީސް އެކަމާ ބެހޭގޮތުން ގާސިމް ވާހަކަދައްކަވާފައި ވުމަކީ އޭނާ އެ ކޮމިޝަންގެ ގާނޫނާއި ގަވާއިދާ ޚިލާފުވެވަޑައިގެންފައިވުން ކަމަށެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ތ. ހިރިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯ އެއްކަމަށް ބުނާ ވީޑިއޯ އަކީ "ދޮގު ވިޑިއޯ" އެއްކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށެވެ. އެކަމަކީ އެ ކޮމިޝަންގެ މިނިވަންކަމާއި އިންސާފުވެރިކަން ގެއްލިދާނެ ފަދަ ކަމެއް ކަމަށް ވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަނުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ބަލަމުންދާ ބަރަހަނާ ވިޑިއޯގެ މައްސަލަ ވަކިގޮތަކަށް ނުނިމި ވަނިކޮށް، ގާސިމް އިބްރާހީމް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި އިންނަވައިގެން އެ ބަރަހަނާ ވިޑިއޯ އާމެދު ވަކިގޮތަކަށް ވާހަކަ ދެއްކެވުމަކީ އެ މެމްބަރުގެ މުސްތަގިއްލުކަން ގެއްލި، އަދި ވަކި އަތަކަށް ޖެހިވަޑައިގެން ހުންނެވިކަން ސާބިތުވާކަމެއްކަމާއި، އަދި އެކަމުގެ ސަބަބުން ޖުޑީޝަލް ސާވިސް ކޮމިޝަނުންގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަން ގެއްލިދާކަމެއްކަން ޖުޑީޝަލް ސާވިސް ކޮމިޝަނުންގެ ގާނޫނާއި އެންމެހައި ހަމަތަކުން އެނގެއެވެ. އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަން ގެއްލުވާލެއްވި މައްސަލަ މިހިނދުން މިހިނދަށް ބަލައި ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށް މި ޕާޓީން ގޮވާލަމެވެ،" އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (7) ގައި ބުނަނީ މެމްބަރަކު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ޚިޔާލަކުން، ނުވަތަ އެނޫންވެސް އެހެންގޮތަކުން، އެމެމްބަރެއްގެ މުސްތަޤިއްލުކަމާމެދު ސުވާލުއުފެދޭނެ އެއްވެސް ކަމެއް ކޮށްގެންނުވާނެކަމަށެވެ. އަދި ކޮމިޝަނުގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އިންސާފުވެރިކަމާމެދު، ސުވާލު އުފެދޭނެ ނުވަތަ އުފެދި ދާނެ އެއްވެސް ކަމެއް ކޮށްގެންނުވާނެކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުންގެ ހިންގާ ގަވާއިދުގެ 24 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ މަގާމުގެ ހައިސިއްޔަތުން މެމްބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެމްބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް އެމައުލޫމާތު ހާމަކޮށްގެން ނުވާނޭކަމަށެވެ.
ގާސިމް އިބްރާހީމްއާ މެދު ފިޔަވަޅުއެޅުމަށް އެމްޑީޕީން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ