ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި އެކަނި ކަމަށާ ނަމަވެސް މިހާރު އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނުގައި ސިއްރުން ހެކިބަސް ނެގުމާ ބެހޭ ހާލަތްތަކެއް ބަޔާން ކޮށްފައިނުވާކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޒު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
އެކެއް ފެބްރުއަރީގއި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުރިއަށްގެންދާ ބޮޑެތި ބޭފުޅުންގެ ޝަރީއަތުގައި ސިއްރުން ހެކިބަސް ނަގާ މައްސަލައާއި ގުޅޭގޮތުން ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާއިރު، މައުމޫން ހަމީދު ވިދާޅުވީ ސިއްރުން ހެކިބަސް ނަގަމުންދަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށެވެ. އަދި އޭނާ ވިދާޅުވީ ސިއްރުން ހެކިބަސް ނެގެނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި އެކަނި ކަމަށެވެ. ނަމަވެސް މިހާރު އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނުގައި ސިއްރުން ހެކިބަސް ނެގުމާ ބެހޭ ހާލަތްތަކެއް ބަޔާން ކޮށްފައިނުވާކަން މައުމޫން ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.
ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވަނީ ސިއްރު ހެއްކަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫންކަމަށާ ސިއްރު ހެކިބަސް ނުނެގޭނެކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން މިމައްސަލައާއި ގުޅޭގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިންވެސް ވަނީ ވާހަކަދައްކަވާފައެވެ.
ފާއިޒު ވިދާޅުވީ ސިއްރު ހެއްކާއި ސިއްރު ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް އެކި ފަރާތްތަކުގެ މައްޗަށް ކޯޓުން ޙުކުމް ކުރުން އާއްމުކަމަކަށް ވެގެން ދިޔައީ ސުޕްރީމް ކޯޓުން އަމަލުކުރި ގޮތަކުންކަމަށެވެ. ފާއިޒު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައި ވަނީ، ސްޕްރީމް ކޯޓުގެ މެޖޯރިޓީ ފަނޑިޔާރުން އެ ދުވަހު ސިއްރު ހެއްކާއި، ސިއްރު ރިޕޯޓު ބަލައި ނުގަތް ނަމަ ނުވަތަ ލިމިޓެއް ކަނޑައެޅި ނަމަ މިއަދު ޖިނާއީ މައްސަލަ ސާބިތު ކުރުމުގެ އާއްމު އުސޫލަކީ ސިއްރު ހެއްކާއި ސިއްރު ރިޕޯޓުގެ ގޮތުގައި ވެގެން ނުދިޔައީސް ކަމަށެވެ.
މިހާރު އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނުގައި ސިއްރުން ހެކިބަސް ނެގުމާއި ހެކިވެރިންނަށް ހިމާޔަތް ދިނުމާ ބެހޭ މާއްދާއެއް ނެތެވެ. އެެހެންނަމަވެސް ފަހަކަށް އައިސް ސިޔާސީ ބޭފުޅުންނާއި، ފަނޑިޔާރުންގެ މައްޗަށް ބޮޑެތި ތުހުމަތުތައް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އެ ދައުވާ ސާބިތުކުރުމުގެ ނަމުގައި ދައުލަތުން ގެންދަނީ ގިނަ އަދަދަށް ސިއްރު ހެކި ހުށައަޅަމުންނެވެ. މީގެ ކުރިން ސިޔާސީ އެކި ބޭފުޅުންގެ މައްޗަށް ހިންގުނު ޝަރީއަތްތަކުގައި ސިއްރުން އަދި އަޑުވެސް ބަދަލުކޮށް ހެއްކިބަސް ދިން ބައެއް މީހުންގެ ހެކި ބަހަށް ރިއާޔަތްކޮށް، ދައުވާ އުފުލުނު ބޭފުޅުންގެ މައްޗަށް ބޮޑެތި ހުކުމްތައް އިއްވާފައިވެއެވެ.
މިހާރު ކުރިއަށްދާ ޝަރީއަތްތަކުގެ ތެރެއިން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބުދުﷲ ސައީދާއި، ފަނޑިޔާރު އަލްއުސްތާޒު އަލީ ހަމީދު މުހައްމަދުވެސް ވަނީ އެ ބޭފުޅުންގެ މައްޗަށް އުފުލިފައިވާ ދައުވާތަކާއި ގުޅިގެން ސިއްރުން ހެކިބަސް ނެގުމާއިމެދު އިއުތިރާޒު ކުރައްވާ އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
ސިއްރު ހެކިބަސް ނަގަނީ އަމަލުކުރަމުންދާ ގާނޫނާ ހިލާފަށް: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ