ގިނަ ރިސޯޓް މުވައްޒަފުންނަށް ވޯޓު ނުލެވޭ މައްސަލާގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ފަރާތުން ވޯޓު ފޮށި ދޮށުގައި ބައިތިއްބާ މީހުން ލައްވާ ނުކުޅެދޭ މީހުންގެ ވޯޓުލާ މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް، ދައުލަތުގެ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ރިސޯޓް ތަކުގެ އިތުރުން، އީސީގެ ފަރާތުން ވޯޓު ފޮށި ދޮށުގައި ބައިތިއްބާ މީހުން ލައްވާ ނުކުޅެދޭ މީހުންގެ ވޯޓުލާ ގޮތަށް އެކޮމިޝަނުން ނިންމުމާއި އެކު، ސުއޫދު ކަންބޮޑުވުން ފާޅުކުރައްވާފައިވާތީ "ދަޕްރެސް" ގެ ފަރާތުން އޭނާއާ ސުވާލު ކުރުމުން ވިދާޅުވީ އީސީން އެކަންކަން އިސްލާހު ނުކޮށްފި ނަމަ، އެ މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.
ސުއޫދު ވިދާޅުވީ ދުވަސްވީ މީހުންނާއި ނުކުޅެދޭ މީހުންގެ ވޯޓު، ވޯޓުލާ މަރުކަޒުގައިވާ އީސީގެ އޮފިޝަލެއް ލައްވާ ލުމަކީ އިސީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ވޯޓު ލެވޭ ފަރާތަށް ވޯޓު ލުމަށް އެހީތެރިވުމަށް ބޭނުންވަނީ،، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހާ ގޮވައިގެންދާ މީހެއްތޯ ނޫނީ ވޯޓުލާ މަރުކަޒުގައިވާ އީސީގެ އޮފިޝަލެއް ލައްވާތޯ ނިންމުމުގެ މިނިވަންކަން ވޯޓުލުމުގެ ހައްގު ގާނޫނީ ގޮތުން ލިބިގެންވާ މީހާއަށް ލިބެންޖެހޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.
މީގެ އިތުރުން ސުއޫދު ވަނީ، ރިސޯޓު ތަކުގެ މުވައްޒަފުންގެ ވޯޓުލުމުގެ ހައްގު ގެއްލޭގޮތަށް އީސީ އިން ނިންމާފައިވާ ނިންމުން އެކޮމިޝަނުން ބަދަލު ނުކޮށްފި ނަމަ، އެކަމާއި ދެކޮޅަށް ރިސޯޓުތަކުގެ މުވައްޒަފުން "އިހުތިޖާޖު" ކުރުމަށް ވެސް ގޮވާލައްވާފައެވެ. ސަބަބެއް ކަމަށް ސުއޫދު ވިދާޅުވީ ގާނޫނީ ގޮތުން ވޯޓު ލުމުގެ ޝަރުތު ހަމަވާ އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގު އެއްވެސް މީހެއްގެ ކިބައިން، އެއްވެސް ފަރާތަކަށް ނިގުޅައި ނުގަނެވޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ ސެޕްޓެމްބަރު، 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 452 ވޯޓު ފޮށި އެކި ތަންތަނުގައި ބަހައްޓާއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތް ރިސޯޓެވެ. އީސީގެ ވެބްސައިޓުގައިވާ ހިސާބުތަކުން ދައްކާ ގޮތުގައި 2013ގެ ރިޔާސީ އިންތިހާބުގައި 57 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައި ވެއެވެ.
އެހެންކަމުން މިދިޔަ ރިޔާސީ އިންތިހާބާ އަޅާބަލާއިރު، ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓާ އަދަދު މިވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. މިއީ، އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭނެ ކަމެއް ކަމަށް ބުނެ ރިސޯޓްތަކުގެ މުވައްޒަފުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ޝަކުވާ ކުރަމުންނެވެ.
އެކަމާއި ގުޅިގެން އީސީގެ ތަރުޖަމާން އަހުމަދު އަކުރަމް ވިދާޅުވަމުން ގެންދަވަނީ އެކަމުގެ ސަބަބުން އެއްވެސް މީހެއްގެ ވޯޓު ލުމުގެ ހައްގެއް ނުގެއްލޭނެ ކަމަށެވެ. ނަމަވެސް އެހައްގެއް ނުގެއްލޭ ކަމަށް އޭނާ ވިދާޅުވާ ވިދާޅުވުމަށް ގާނޫނީ ގޮތުން ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށް ވިދާޅުވެ ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.
ގިނަ ރިސޯޓް މުވައްޒަފުންނަށް ވޯޓު ނުލެވޭ މައްސަލަ ހިފައިގެން ސުއޫދު ސުޕްރީމް ކޯޓަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ