މައުމޫން، ކާނަލް ނާޒިމާ ބައްދަލުކޮށްފި

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމާ ބައްދަލު ކުރައްވައިފިއެވެ.
ރައީސް މައުމޫން ނާޒިމާ ބައްދަލު ކުރެއްވީ މެލޭޝިއާގައެވެ. މިބައްދަލު ކުރެއްވުމުގައި ރައީސް މައުމޫންގެ ދެކަނބަލުންނާއި ރައީސް މައުމޫންގެ ދެ ދަރިކަނބަލުން ކަމުގައިވާ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫންގެ ބައިވެރިވެ ވަޑައިގެންނެވިއެވެ. ނާޒިމްގެ އަނބިކަނބަލުން އަފާފް ވެސް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މައުމޫނާއި ނާޒިމްގެ ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.
މައުމޫން ބޭސްފަރުވާ އަކަށް މެލޭޝިއާ އަށް ވަޑައިގެންނެވީ މިދިޔަ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހު އެވެ.
ނާޒިމް ބޭސްފަރުވާއަކަށް މެލޭޝިއާ އަށް ވަޑައިގެންނެވީ މިދިޔަ އޮކްޓޯބަރ މަހުގެ 04 ވަނަ ދުވަހު އެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް އިއްވާފައި އޮތް 11 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުން ފަސްކޮށް، މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން ވަނީ ނޮވެމްބަރ މަހުގެ 04 ވަނަ ދުވަހު ވަގުތީ އަމުރެއް ނެރުއްވާފައެވެ.
ނާޒިމަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ނާޒިމްގެ ފަރާތުން ކުރިން ސުޕްރީމް ކޯޓަށް އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން އޭރު އޮތީ ނިންމައިފަ އެވެ. އެކަމަކު އެ ނިިންމުން ރިވިއު ކުރަން ނާޒިމްގެ ފަރާތުން ފަހުން ހުށަހެޅުމުން އެ ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބާއްވަން ނިންމައިފަ އެވެ.
މައުމޫނާއި ނާޒިމް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ