ޖުމްހޫރީ ޕާޓީން ހުސްވެފައިވާ އެޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް، ޕާޓީގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އައްޔަން ކުރުމަށް ބާއްވާ އިންތިހާބު މާދަމާއަށް ތާވަލުކޮށްފި އެވެ.
ޖޭޕީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެ ޕާޓީ އިން ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މަގާމަށް ކުރިމަތިލެއްވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމް އެވެ.
ޖޭޕީއިން މިއަދު ބުނީ، ގާސިމް އިބްރާހިމް އެ ޕާޓީގެ ލީޑަރުކަމަށް އައްޔަންކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުމާއި ނަތީޖާ އިއުލާންކުރުމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތަށް، ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މާދަމާ ހަވީރު 4:00 ގައި ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި އޮންނާނެ ކަމަށެވެ.
ޖޭޕީގެ ލީޑަރުކަމުގެ މަގާމް ހުސްވެފައިވަނީ ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމާ ގުޅިގެންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ އިސް މަގާމެއްގައި ނުހުރެވޭނެ އެވެ.
ނަމަވެސް ގާސިމްގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ އަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް މީގެ ހަފްތާއެއް ކުރިން އެކޯޓުން ބާތިލް ކުރުމާއެކު އެމަނިކުފާނު ވަނީ މިނިވަންވެވަޑައިގެންފައެވެ.
ގާސިމް އިބްރާހީމް ޖޭޕީގެ ލީޑަރުކަމަށް އައްޔަން ކުރުން މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ