އެއް ދަންފަޅިއަށް ކިޔަވާދޭން މާލޭގައި އިތުރު 10 ސްކޫލް އަޅަނީ

އެއް ދަންފަޅިއަށް ކިޔަވާދޭން ފެށުމުގެ ގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް އާ 10 ސްކޫލެއް އަޅަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.
ސްކޫލުތަކުގެ ކިޔަވާދިނުން އެއް ދަންފަޅި އަށް ކިޔަވާދޭގޮތަށް ބަދަލުކުރަން ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓް ހާމަކުރުމަށް ވިލިމާލޭ މުހިޔުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާލޭގައި އިތުރު ސްކޫލުތައް އަޅަންޖެހެނީ އެއް ދަންފަޅިއަށް ކިޔަވާދޭން ބޭނުންވާ ވަރަށް ކްލާސްރޫމުތައް ނެތުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަލަށް އަޅާ ސްކޫލުތަކުގެ މަސައްކަތް ކުރިއަށް ދާނީ ފަސް އަހަރަށް ބަހާލެވިގެން ކަމަށެވެ. އަދި އެ ތަންތަން ޑިޒައިންކުރާނީ އެއް ދަންފަޅިއަށް ކިޔަވާދޭ އެހެން ގައުމުތަކުގެ ސްކޫލުތައް ބެލުމަށް ފަހު އެ ގޮތަށް ކަމަށް މިނިސްޓަރު ޑރ. އައިޝާ ވިދާޅުވި އެވެ.
އެއް ދަންފަޅިއަށް ކިޔަވާދޭން ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން، މާލޭގައި އެއް ދަންފަޅި އަށް ކިޔަވާދޭން 288 ބޭނުންވާ ކަމަށެވެ. އެގޮތުން އެ އަދަދަށް ކްލާސްރޫމް ހަމަކުރަން 10 ސްކޫލް ހަދަންޖެހޭއިރު، އޭގެ އިތުރުން 47 ސައިންސް ލެބް ބޭނުންވެ އެވެ. އަދި 28 ލައިބްރަރީ، 42 އޯޑިއޯ ވިޝުއަލް ރޫމް، 22 ސްޓާފް ރޫމުގެ އިތުރުން 57 ބަދިގެ ވެސް އެކަމަށް ބޭނުންވާނެ ކަމަށް އޮޑިޓް އެ ރިޕޯޓުގައި ބުނެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން މާލޭގައި އެއް ދަންފަޅިއަށް ކިޔަވާދެވޭނީ 800-1،000 ކުދިން އުޅޭ ސްކޫލުތަކުގައި ކަމަށެވެ. ނަމަވެސް މާލޭގެ 13 ސްކޫލެއްގައި 1،500-2،000 ކުދިން ކިޔަވަމުން އަންނަ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ