ނިޔާޒްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމަށް މަގާމު ގެއްލޭ ގޮތަށް އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ނިޔާޒްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
ނިޔާޒްގެ ފަރާތުން 2014 ގައި ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބާތިލްކޮށް، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމުގެ ގޮތުން ހައި ކޯޓުން އަމަލުކުރި އިޖްރާއާތުތައް ސުޕްރީމް ކޯޓުން ބާތިލްކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައިވަނީ ނިޔާޒްގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން އެ މައުޟޫއުގައި އެހެން ފަރާތަކުން ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ހުށަހެޅި ކަމަށާއި އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން އޭރު ނިންމާފައިވާ ކަމަށެވެ.
އަދި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓަކުން އެ މައްސަލަ ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މި ސަރުކާރާ ގުޅުން ހުރި ހިޔާނާތުގެ މައްސަލަތަކާއި ގުޅޭ އޮޑިޓް ރިޕޯޓެއް ނެރުމާއެކު ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ނިޔާޒު އޮޑިޓާ ޖެނެރަލްގެ މަގާމުން ވަކިކޮށްފަ އެވެ.
އޮޑިޓަ ޖެނަރަލްގެ މަގާމު ގެއްލޭގޮތަށް 2014 ވަނަ އަަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން އޮޑިޓް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އެ ބިލް މަޖިލީހުން ފާސްކޮށް ތާސްދީގު ކުރެވި އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓަ ޖެނެރަލްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަމެއް މަޖިލީހަށް ފޮނުއްވަންވާނެ ކަމަށެވެ.
އެ ބިލް ރައީސް ޔާމީން ވަނީ 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ތަސްދީގު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ