ގާޒީ ނިހާނަށް ޖަލުގައި ގޯނާކުރި މައްސަލައެއް އެޗްއާރްސީއެމުން ބަލަން ފަަށައިފި

ޓެރަރިޒަމްގެ ދައުވާ އުފުލައި 17 އަހަރަށް ޖަލަށްލާފައިވާ އދ މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާނަށް ކަރެކްޝަންސްގެ އޮފިސަރުން ގޯނާކުރިމައްސަލައެއް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވުސް އެޗްއާރްސީއެމުން ބަލަން ފަށައިފިއެވެ.
ނިހާނުގެ ވަކީލާ ޝާދިޔާ އާދަމް ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި ނިހާނު ގޮޅިންނެރެ އޭނާއަށް ގޯނާކޮށްފައިވާ މައްސަލަ އެޗްއާރްސީއެމްއަށް ހުށައެޅުއްވުމަށް ވަޑައިގެންނެވުމުން އެކޮމިޝަންގެ އަމިއްލަ އިސްނެގުމަކަށް އެކަން ބަލަމުންދާކަމުގައި ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އަދި ކޮމިޝަނުން އެކަން ބަލަންފެށި ކޮންފަރާތަކުން ލިބުނު މައުލޫމާތަކުންކަން ކޮމިޝަނުން ހާމަނުކުރާ ކަމަށެވެ.
ޝާދިޔާ ވިދާޅުވީ، އިއްޔެ ނިހާނު ގޮޅިން ބޭރަށް ނެރުމަށް ފަހު ފުރަގަހަށް ބިޑިއަޅުވައި ގިނައިރުތަކެއް ވަންދެން ބަހައްޓާފައިވާ ކަމަށާއި އެހެންނަމަވެސް އެކަމާއި ގުޅޭ ފުރިހަމަ މައުލޫމާތެއް އަދިވެސް ލިބިވަޑައިގެންފައި ނުވާކަމަށެވެ.
އަދި އެކަން ބަލައިދިނުމަށް އެދިފައިވާނޭކަމުގައިވެސް ޝާދިޔާ ވިދާޅުވިއެވެ.
ގާޒީ ނިހާނަށް ޓެރަރިޒަމްގެ ދައުވާކޮށް 17 އަހަރަށް ޖަލަށްލީ، ރައީސް ޔާމީނު ހައްޔަރު ކުރުމަށް ސައްޙަނޫން ގޮތުގައި ކޯޓުއަމުރެއް ނެރެފައިވާކަމަށް ބުނެއެވެ. ހަމަ އެމައްސަލައިގައި ޓެރަރިޒަމްގެ ދައުވާކޮށް އޭރުގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާކޮށް 17 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވެއެވެ.
އެކަމާއި ގުޅިގެން ނިހާނުގެ މައްޗަށް އިތުރު 3 ދައުވާއެއްވެސް ދައުލަތުން އުފުލާފައިވާއިރު، އެދައުވާތަށް މިދިޔަހަފްތާގައި ކުރިމިނަލް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ