ހައްޖުގެ ކަންތައްތަކަށް ނޫން ގޮތަކަށް ފައިސާ ބޭނުމެއް ނުކުރަން - ހައްޖު ކޯޕަރޭޝަން

ހައްޖަށް ދިޔުމަށް ފައިސާ ދެއްކި އެއްވެސް މީހެއްގެ ފައިސާ ހައްޖުގެ ކަންތައްތަކަށް ނޫން ގޮތަކަށް ބޭނުންކޮށްފައި ނުވާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަނުން މިހެން ބުނެފައިމިވަނީ ހައްޖަށް ދިޔުމަށްޓަކައި އާންމު ރައްޔިތުން ހައްޖު ކޯޕަރޭޝަނަށް ދައްކާފައިވާ ފައިސާގެ ތެރެއިން 20 މިލިއަން ރުފިޔާ ވަނީ އެހެން ކަންކަމަށް އެ ކުންފުނިން ބޭނުންކޮށްފައިވާ ކަމަށް އިންތިހާބީ ރައީސް އުފައްދަވާފައިވާ ޓްރާންސިޝަން ކޮމިޓީން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިއުމަށް ފައިސާ ދެއްކި އެއްވެސް މީހެއްގެ ފައިސާ ހައްޖުގެ ކަންތައްތަކަށް ނޫން ގޮތަކަށް ބޭނުންކޮށްފައިނުވާނެ ކަމަށާއި ހައްޖަށް ދިޔުމަށްޓަކާ ރައްޔިތުން ދައްކާ ފައިސާ ރައްކާ ކުރަމުންދަނީ އެކަމަށް ހާއްސަ ވަކި ބޭންކް އެކައުންޓެއްގައި ކަމަށެވެ.
އަދި އެ ކޯޕަރޭޝަނަށް ފައިސާ ނުދައްކާ ބަޔަކަށް، ކޯޕަރޭޝަނުން ހަވާލުވެގެން ހައްޖަށް ގެންގޮސްފައިވާނީ މަލީޝާ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދިއުމަށް ފައިސާ ދެއްކި ނަމަވެސް ހައްޖަށް ނުދެވުނު މީހުންނާއި ސަރުކާރުގެ ދެ ކުންފުންޏެއްގެ ބަޔަކު ހައްޖަށް ގެންދަން ހަރަދުވި ފައިސާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
"މިކުންފުންޏަށް ހައްޖަށްދާން ދައްކަން ޖެހޭ ފައިސާގެ މުޅި އަދަދު ދައްކައިފައިވަނީ 1817 މީހުންނެވެ. އެ އެންމެން ހައްޖަށް ގެންދެވޭހާ ފައިސާ މި ކުންފުނީގައި އެބަހުއްޓެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
ހައްޖު ކޯޕަރޭޝަނަކީ ގަވާއިދުން އޮޑިޓް އޮފީސް މެދުވެރިކޮށް މިނިވަން އޮޑިޓް ފާމެއް މެދުވެރިކޮށް އޮޑިޓް ކުރަމުންދާ ކުންފުންޏެއް ކަމަށާއި މިއަދާ ހަމައަށްވެސް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ދިމާވެފައިނުވާކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ