ސްކޫލް ކުދިންނަށް ހެދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް އަންނަ ދިރާސީ އާ އަހަރު ފެށޭނެ: މިނިސްޓަރ

ސްކޫލް ކުދިންނަށް ހެދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް އަންނަ ދިރާސީ އާ އަހަރާ އެކު ފެށިގެންދާނެ ކަމަށް ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ. ސްކޫލް ކުދިންނަށް ހެދުނުގެ ނާސްތަ ދިނުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތެ ތެރޭގައި ހިމެނޭ ކަމެކެއެވެ.
އަންނަ ދިރާސީ އާ އަހަރު ސްކޫލް ކުދިންނަށް ހެދުނު ނާސްތާ ފޯރުކޮށްދިނުމުގެ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އާއިޝަތު އަލީ ވިދާޅުވީ މި ޕައިލެޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް 25 ސްކޫލެއް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ކޮންމެ އަތޮޅަކުން އެއް ސްކޫލާއި، މާލެއިން ތިން ސްކޫލް، ވިލިމާލެ އިން އެއް ސްކޫލް ހުޅުމާލެއިން އެއް ސްކޫލް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސްކޫލްތައް ކަނޑައެޅުމުގައި ދަރިވަރުންގެ ތަފާތު އާބާދީތައް ހިމެނޭ ގޮތަށް ސްކޫލްތައް ހިމަނާފައިވާނެ ކަމަށާއި، އެގޮތުން ސްކޫލްތައް އާބާދީގެ ނިސްބަތުން ފަސްގިންތިއަކަށް ބަހާލެވިފައިވާ ކަމަށެވެ. ގިންތިތައް ކަނޑައެޅުމުގައި ދަރިވަރުން އެންމެ މަދު އާބާދީ އާއި ދަރިވަރުން އެންމެ ގިނަ އާބާދީ ސްކޫލްތައް ބަލާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޕައިލެޓް ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިކުރާއިރު އެކަމަށް ބެލެނިވެރިންގެ ހުއްދަ ހޯދާނީ ފޯމެއް މެދުވެރިކޮށްގެން ކަމަށާއި، އެ ފޯމްގައި ދަރިވަރުންގެ އާންމު މައުލޫމާތު ހިމެނިގެންދާނެ، އަދި އޭގެ އިތުރުން އެއްވެސް އެލާރޖީއެއް ހުރުން ފަދަ ކަންތައްތައް ބަލާނެ،" މިނިސްޓަރ ވިދާޅުވިއެވެ.
ހެދުނުގެ ނާސްތާ ދަރިވަރުންނަށް ދޭން ކަނޑައަޅާފައިވާ ތަކެތީގެ މެނޫ ތައްޔާރުކޮށްފައި ވަނީ  ޔުނިސެފްގެ އެހީތެރިކަމާ އެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ނާސްތާ ދިނުމަށް ކަނޑައެޅިފައިވާ އުސޫލްގައި ދަރިވަރުންނަށް ހާއްސަ ފިޔަވަޅުތަކެއް ސްކޫލް ފެންވަރުގައި އެޅުމަށް ބަޔާންކޮށްފައިވާނެ. އޭގެ ތެރޭގައި ދަރިވަރުންނަށް ލިބޭ ކާބޯތަކެތި ތާޒާކަން ސްކޫލްގެ ފަރާތުން ބެލުމާއި، ކާބޯތަކެތި ތައްޔާރުކުރާ ތަން ސްކޫލްގެ ފަރާތުން ބެލުމަށް އިރުޝާދު ދެވިފައިވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 25 ސްކޫލާ އެކު ޕައިލެޓް ޕްރޮގްރާމް ކުރިއަށް ގެންދާނީ އެއް އަހަރަށް ކަމަށާއި، އެ އަށް ފަހު އަހަރު ދުވަހުގެ ތަޖްރިބާއަށް ބެލުމަށް ފަހު އިތުރު ސްކޫލްތަށް މި ޕްރޮގްރާމަށް އިތުރުކުރެވިގެން ދާނެ ކަމަށެވެ. ޑރ. އައިޝަތު ވިދާޅުވީ ބަޖެޓްތަންދޭ މިންވަރުން މި ޕްރޮގްރާމަށް ސްކޫލްތަށް އިތުރު ކުރަމުން ގޮސް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ހެދުނުގެ ނާސްތާ ދިނުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.
ހެދުނުގެ ނާސްތާ ދިނުމަށް ހަމަޖެހިފައި ވަނީ ޕައިލެޓް ޕްރޮގްރާމްގައި ހިމެނޭ ސްކޫލްތަކުގެ ހެދުނުގެ ދަންފަޅީގައި ކިޔަވާކުދިންނަށެވެ.
ސްކޫލްގައި ކުދިންނަށް ހެދުނުގެ ނާސްތާ ދިނުމަށް ހަމަޖެހިފައި ވަނީ ކުދިންގެ ކްލާސްރޫމް ތެރޭގައެވެ.
ހެދުނުގެ ނާސްތާ އަންނަ ދިރާސީ އާ އަހަރު ފެށޭއިރު، ޕައިލެޓް ޕްރޮގްރާމްގައި ހިމެނޭ 25 ސްކޫލްގެ 14720 ކުދިންނަށް ލިބޭނެއެވެ.
ހެދުނު ނާސްތާގެ ވައުދަށް ބަޖެޓްގައި ވަނީ 50 މިލިޔަން ރުފިޔާ ހިމަނާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ