ޖޭއެސްސީން ވަކިވެފައިވާކަން ގާސިމް ގަބޫލުކުރައްވައިފި

ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމުން ވަކިވެފައިވާ ކަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގަބޫލުކުރައްވައިފި އެވެ.
ޖޭއެސްސީން ވަކިވެފައިވާކަން ގާސިމް ގަބޫލުކުރައްވާފައި މިވަނީ ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި އެވެ.
އަދި ޖޭއެސްސީން ވަކިވެފައިވާކަން ގާސިމް ގަބޫލުކުރައްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރެއްވި ނަމަވެސް ޖޭއެސްސީން އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވުމަށްފަހު އެވެ.
ގާސިމް ކުރިން ވިދާޅުވެފައިވަނީ ރައިސްކަމަށް ވާދަކުރެއްވި ނަމަވެސް ޖޭއެސްސީން އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނެތް ކަމަށާއި އެހެންކަމުން ޖޭއެސްސީގައި މިހާރު ފުރުއްވަމުން ގެންދަވާ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައި ކެންޑިޑެސީ ގަބޫލުކުރިކަން އެކޮމިޝަނުން އެންގުމާއި ގުޅިގެން އޭނާގެ ބަދަލުގައި ޖޭއެސްސީ އަށް އެހެން މީހަކު ހަމަޖެއްސުމަށް އެދި މަޖިލީހަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
ޖޭއެއްސީގެ ޤާނޫނުގެ ދިހަ ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގައި ބުނަނީ ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނުގެ ދަށުން އިންތިޙާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން ކޮމިޝަނުގެ މެމްބަރެއްގެ މަޤާމު ހުސްވެއްޖެ ކަމަށް ބެލޭނެ ކަމަށެވެ.
ގާސިމް އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެއްސީއަށް އިންތިޙާބުކޮށްފައިވާ މެންބަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ