ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ ހަތަރު މިލިއަން ރުފިޔާގެ ބަހާނެ ގޮތް ހާމަކޮށްފި

19:00ދައުލަތުގެ ބަޖެޓުގައި އަމިއްލަ މީޑިއާތަކަށް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ ހަތަރު މިލިއަން ރުފިޔާ، ބެހުމަށް ހަމަޖެހިފައިވާ ގޮތް މާލިއްޔަތު ކޮމިޓީން ހާމަކޮށްފި އެވެ.މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވީ އަމިއްލަ މީޑިއާތަކަށް ދިނުމަށް ބަޖެޓުގައި ކަނޑައެޅި ހަތަރު މިލިއަން ރުފިޔާގެ 50 ޕަސެންޓް އަމިއްލަ ޓީވީ ސްޓޭޝަންތަކަށް ދިނުމަށް އެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި 35 ޕަސެންޓް ރޭޑިއޯތަކަށް ދޭން ނިންމިއިރު އަމިއްލަ ދުވަހު ނޫސްތަކަށް ދިނުމަށް ނިންމާފައި ވަނީ 15 ޕަސެންޓް ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ. އަދި ގިނަ އަދަދެއްގެ ނޫސް މަޖައްލާތަކާއި ރޭޑިއޯ ސްޓޭޝަންތަކާއި ޓީވީ ޗެނަލްތަކާއި އޮންލައިން ނޫސްތައް ރަޖިސްޓްރީކޮށްފައިވީ ނަމަވެސް ފައިސާ ދިނުމަށް ނިންމާފައި ވަނީ އޭގެ ތެރެއިން މިހާރު މެދުނުކެނޑި ހިނގަމުން އަންނަ ޓީވީ، ރޭޑިއޯތަކާއި ދުވަހު ނޫސްތަކަށް ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ. އަދި އޮންލައިން ނޫސްތަކަށާއި މަޖައްލާތަކަށް ފައިސާ ދޭން ކޮމިޓީން ނުނިންމީ، އެ ފައިސާ ދިނުމަށް މަޖިލީހުން ނިންމާފައި ވަނީ، މީޑިއާތަކުގެ ތެރެއިން ޓީވީ އާއި ރޭޑިއޯތަކާއި ދުވަހު ނޫސްތަކަށް ކަމަށް ވާތީ ކަމުގައި ވެސް ނާޒިމު ވިދާޅުވި އެވެ. ނާޒިމު ވިދާޅުވީ، ފައިސާ ދޭން ނިންމި ގޮތް މިހާރު ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް އަދި ފައިސާ ދޫކުރާނީ ފިނޭންސް މިނިސްޓްރީން ކަމުން އެ ފައިސާ ދޫކުރާނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.މިކަމަށްޓަކައި މާލިއްޔަތު ކޮމިޓީން އެކުލަވައިލި ސަބް ކޮމިޓީގެ މުގައްރިރު ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، ފައިސާ ބަހާނެ އުސޫލުތައް ކަނޑައަޅާފައިވަނީ، ނޫސްތައް ޗާޕުކޮށް ނެރޭ އަދަދަށާއި، މީޑިއާތަކުގައި ހަބަރާއި މުނިފޫހިފިލުވުމާއި ދީނީ މައުލޫމާތު ހިމެނޭ މިންވަރަށާއި އެ ތަނަކަށް ކޮށްފައިވާ އިންވެސްޓްމެންޓަށް ބަލައިގެން ކަމަށެވެ. އަދި އެކަން ބެލުމަށްޓަކައި އެކި ގޮތްގޮތުން މައުލޫމާތު އެއްކޮށް ބަލާފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.ކޮމިޓީން ނިންމި އުސޫލަށް ބަލާއިރު ހަތަރު މިލިއަން ރުފިޔާގެ ތެރެއިން އެންމެގިނަ ފައިސާ ލިބެނީ ވީޓީވީއަށެވެ. އެގޮތުން ވީޓީވީއަށް  އެއްމިލިއަން ފަސްދޮޅަސް ހާސް ރުފިޔާ ލިބޭއިރު ދި ޓީވީއަށް އަށްލައްކަ ވިހި ހާސް ރުފިޔާ އާއި ފިއުޗާ ޓީވީ އަށް އެއްލައްކަ ވިހި ހާސް ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ. ރޭޑިއޯ ޗެނަލްތަކުގެ ތެރެއިން ދިއެފްއެމަށް ހަތަރު ލައްކަ ތިރީސް ހަތަރު ހާސް ރުފިޔާ އާއި ސަންއެފްއެމަށް ތިން ލައްކަ ފަސްދޮޅަސް ހަތަރު ހާސް ރުފިޔާ، ރޭޑިއޯ އެޓޯލް އަށް ދެ ލައްކަ ނުވަދިހަ ހަތަރު ހާސް ރުފިޔާ، ފާރަވޭ އެފްއެމަށް ދެލައްކަ ފަންސާސް ދެ ހާސް ރުފިޔާގެ އިތުރުން އެޗްއެފްއެމަށް ފަންސާސް ހަ ހާސް ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ. ދުވަހު ނޫސްތަކުގެ ތެރެއިން ހަވީރު ނޫހަށް ދެ ލައްކަ ސާޅީސް ހަ ހާސް ރުފިޔާ، އާފަތިސް ނޫހަށް އެއްލައްކަ ފަސްދޮޅަސް ދެ ހާސް  ރުފިޔާ، މިއަދު ނޫހަށް އެއްލައްކަ ދެ ހާސް ރުފިޔާ އަދި ހާމަ ނޫހަށް ނުވަދިހަ ހާސް ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ