މަހްލޫފް ހުންނަވާނީ ޕީޕީއެމްގައި ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ހުންނަވާނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރެއިންސުރެ މަހްލޫފް އެމްޑީޕީ އާއި ގުޅުމަށްޓަކައި މަޝްވަރާކުރަމުންދާ ކަމަށް ހަބަރު ފެތުރުމާއި ގުޅިގެންނެވެ. އަދި މިއަދު އެމްޑީޕީ އާއި މަހްލޫފް ގުޅިވަޑައިގެންފައިވާ ކަމުގެ އަޑުތައް ވެސް ފެތުރިފައިވާ ދަނޑިވަޅެއްގައި އެވެ.
ކާނިވާ ސަރަހައްދުގައި އެތައް ހާސް ބަޔަކާއިއެކު މިރޭ ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިއަދު އިރުއޮއްސުނުއިރު މަހްލޫފާއި ފޯނުން ގުޅައި ވާހަކަދެއްކި ކަމަށާއި މަހްލޫފް ހިތްނުތަނަވަސްވާ ކަހަލަ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވި ކަމަށެވެ.
ނަމަވެސް ގައުމުގެ މަސްލަހަތު އިސްކޮށް ޕީޕީއެމްއާ އެކު ކުރިއަށް ދިޔުމަށް ހުންނެވި ކަމަށް މަހުލޫފް ވިދާޅުވި ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރަން އެކަހަލަ ކަންތައްތަކެއް ހުރެދާނެ، އެހެންނަމަވެސް އޭނާ (މަހްލޫފް) ވެސް ގަބޫލުކުރައްވާ ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭނެ ކަމަށް، އެއްވެސް ގޮތެއްގައި އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތެއް އަޅުގަނޑުމެންނަށް އުފާ ލިބޭ ކަންތައްތަކެއް އެކަންޏެއް ނޫން، ހިތްހަމަޖެހުން ލިބޭ ކަންތައްތައް އެކަންޏެއް ނޫން، އެއަށް ވުރެ ކުރިން ވިސްނަންވީ ގައުމުގެ މަސްލަހަތަށް." ރައީސް މައުމޫން ވިދާޅުވި އެވެ.
މަހުލޫފް އެމްޑީޕީއާއި ގުޅުނުކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް ފޯން ނިއްވާލާފައިވާތީ މަހުލޫފްގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ.
ޕީޕީއެމްގެ ތަރުޖަމާން އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ މާލޭގެ ކޯޑިނޭޓަރު މަހުލޫފު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ކަމުގެ ހަބަރުތައް ފެތުރުނަމަވެސް އެމްވީޔޫތާއި މައުލޫމާތު ހިއްސާކުރި މަހްލޫފްގެ އާއިލާގެ ބޭފުޅަކު ވަނީ މަހްލޫފް އެމްޑީޕީ އާއި ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.
ނަމަވެސް ޕީޕީއެމްއާއި އެމްޑީޕީ ކޯލިޝަނުން މިރޭ ބޭއްވި "ގުޅިގެން" ޖަލްސާގައި މަހުލޫފް ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ