ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އައްޔަން ކުރަން މަޖިލީހުން ރުހުންދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އަލީ ޒާހިރު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލިހުގެ މިއަދު ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އައްޔަން ކުރަން ފާސްވީ ޖަލްސާއަށް ވަޑައިގެންތިއްބެވި 64 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.
ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވިއިރު މަހާޒު އާއި ވާދަކުރެއްވީ ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރާއި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް ޖޭއެސްސީ އަށް ފުރަތަމަ ފޮނުއްވީ މަހާޒްގެ ނަމެވެ. ނަމަވެސް ހުސްވެފައިވާ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަހާޒު ނުވަތަ ދިޔާނާގެ ނަން އައްޔަން ކުރުމަށް ޖޭއެސްސީ އިން ލަފާ އެރުއްވިއެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ރިޕޯޓް ތަޅުމަށް ފޮނުވިފަހުން އެ މަޤާމަށް ބޭފުޅަކު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައި މިވަނީ، އެ މައްސަލައިގައި ވޯޓަށް ނާހައި އަދި ގޮތެއް ނުނިމި ދިގުލައިގެންދާން ފެށުމުން އެކަމުގައި ބައެއް މެންބަރުންނާއި އާއްމުންވެސް ސުވާލު އުފައްދަން ފަށާފައިވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އަލީ ޒާހިރުގެ ނަން މަޖިލީހުން ފާސްކުރި އިރު، މިއަދު ވޯޓަށް އެހުމުގެ ކުރިން މަހާޒަށް ރުހުންދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އޮތީ ތްރީލައިން ވިޕެއް ނެރެފައެވެ. އެއާއި އެކު ދިޔާނާ ސައީދު ވަނީ މަހާޒަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ވެސް ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައި ވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވޯޓުނަގައި ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ފަސް ފަނޑިޔާރުން ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު ކުރިން އޮތް ގޮތަށް 7 މެންބަރުންނަށް އިތުރުކޮށް ދާދިފަހުން މަޖިލީހުން ވަނީ ފަނޑިޔާރުކަމުގެ މަގާމަށް ދެ ބޭފުޅުން އައްޔަންކުރައްވާފައެވެ. އަދި އިތުރުވި ދެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރާލްދާ ޒާހިރާއި، އައިޝާ ޝުޖޫން ވަނީ އައްޔަން ކުރައްވާފައެވެ.
އެހެންކަމުން މަހާޒު ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާނީ މަހާޒާއި، އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރަށް ފަނޑިޔާރު ޑރ. އަޒްމިރާލްދާ އާއި ޝުޖޫން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ