ހއ. ހޯރަފުށީ އެއާޕޯޓު މިއަދު ހަވީރު ހުޅުވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
މީގެ ކުރިން ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ނިންމާފައި އޮތީ މިދިޔަ އަންގާރައިގައެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މި ރަސްމިއްޔާތު ވަނީ ފަސްކޮށްފައެވެ.
މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު، ޝިމާޒް އަލީ ވިދާޅުވީ މިއަދު ހަވީރު ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. ނަމަވެސް މޫސުން ތަން ނުދޭނަމަ މިއަދުގެ ހަފްލާ ވެސް ލަސްކުރަން ޖެހިދާނެ ކަމަށް ޝިމާޒް ވިދާޅުވިއެވެ.
ހޯރަފުށީ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި ހަދަން ނިންމި އެއާޕޯޓެކެވެ. ނަމަވެސް އެ އެއާޕޯޓް ހޯރަފުއްޓަށް ބަދަލުކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅާ އެއްގޮތަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަވާލުކުރީ 198 މިލިއަން ރުފިޔާއަށެވެ.
އެ ކުންފުނިން އެ މަސައްކަތް ކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހޯރަފުށީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށް ސެކިއުރިޓީ ބީޗް ފެންސެއް ވަނީ ޖަހައިފައެވެ. އަދި 1.2 ކިލޯ މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ހަދައިފައެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ކޮށްފައިވަނީ ފަޔާ ބިލްޑިންއަކާއި ޕަސެންޖާ ޓާމިނަލެއް ހެދުމެވެ. ޖުމްލަ 13.8 މިލިއަން ރުފިޔާއަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ މިމަހުގެ 11 އަށް ނިންމުމަށެވެ.
ހޯރަފުށީ އެއާޕޯޓު މިއަދު ހަވީރު ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ