މައްސަލައިގެ ފައިލްތައް ކޯޓުން ބޭރަށް ނުގެންދެވޭނެ: ސުޕްރީމް ކޯޓު

މައްސަލަތަކުގެ ފައިލްތައް ކޯޓުތަކުން ބޭރަށް ގެންދިއުމުގެ އުސޫލަށް ސުޕްރީމް ކޯޓުން ބަދަލު ގެނަސްފި އެވެ.
ސުޕްރީމް ކޯޓުން މީގެ ކުރިން ހަމަޖައްސާފައި އޮތް ގޮތުން ހާއްސަ ހާލަތްތަކުގައި އެކޯޓުގެ ހުއްދަ ލިބިގެން މައްސަލަތަކުގެ ފައިލްތައް ކޯޓުތަކުން ބޭރަށް ގެންދެވޭނެ އެވެ.
އެހެންނަމަވެސް މިދިޔަ އާދިއްތަ ދުވަހު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ އޯޑިއޯ އާއި ވީޑިއޯ މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދާތީ އާއި ޚާއްސަ ހާލަތްތަކުގައި ގޭގައި މަސައްކަތް ކުރުމުގެ ހުއްދަ ފަނޑިޔާރުންނަށް ދީފައިވާތީ ފައިލްތައް ކޯޓުތަކުން ބޭރަށް ގެންދިއުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އަލަށް އެކުލަވާލި އުސޫލުގައި ވަނީ އެއްވެސް ހާލަތެއްގައި އަސްލު ފައިލްތައް ކޯޓުން ބޭރަށް ގެންގޮސްގެން ނުވާނެ ކަމަށާއި ޚާއްސަ ހާލަތްތަކުގައި ބޭރަށް ގެންދެވޭނީ ފައިލްތަކުގެ ސޮފްޓް ކޮޕީ ނުވަތަ ހާޑް ކޮޕީތައް ކަމަށެވެ. އަދި އެފަދަ ކޮޕީތަކުގެ ރެކޯޑް ކޯޓުތަކުން ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް އެ ޑައިރެކްޝަންގައިވެ އެވެ.
މީގެ އިތުރުން އެ ޑައިރެކްޝަންގައި ވަނީ ފައިލްތަކުގައި ހިމެނޭ ލިޔުންތަކުގެ ސިއްރުވެރިކަން ހިފެހެއްޓުމާ އެކު ކޯޓުން ބޭރުގެ އެއްވެސް މީހަކަށް އެ ލިޔުންތައް ހިއްސާ ކޮށްގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ