ޢާޠިފުގެ ވަކީލަކަށް ނިހާޔަތު ބަލައިނުގަންނަން ކުރިމިނަލް ކޯޓުން ނިންމައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓުގެ ވެރިއަކަށް ހުންނެވި ޢާޠިފު ޝުކޫރުގެ ވަކީލެއްގެ ގޮގުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ބަލައިނުގަންނަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ. ޢާޠިފުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުއާމަލާތްތައް ހިނގަމުންދިޔައިރު، ޝައްކުވާ މުއާމަލާތްތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާ ހަމައަށް ގެންގޮސްދީފައިނުވާ ކަމުގައި ބުނެ، މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނާ ޚިލާފުވެފައިވާ ކަމުގައި ބުނެއެވެ. ޢާޠިފުގެ ދިފާޢީ ވަކީލުންގެ ޓީމުގައި ނިހާޔަތު އިންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމުގައި ބުނެ ދައުލަތުން އިޖުރާއީ ނުކުތާއެއް މިއަދު އޮތް އަޑުއެހުމުގައި ފާހަގަކުރިއެވެ. ދައުލަތުން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި، ނިހާޔަތު ހުންނެވީ ޕީޖީ އޮފީހުގެ މާލީ ޖަރީމާތަކާ ބެހޭ ޔުނިޓުގެ ވެރިއަކަށް ކަމަށާއި، މި މައްސަލާގައި އޭނާ ލަފާދެއްވާފައިވާ ކަމުގައެވެ. ނަމަވެސް ނިހާޔަތު ވިދާޅުވީ އޭނާ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމުގައި ހުންނެވި ނަމަވެސް އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއްގައި ލަފައެއް ދެއްވާފައިނުވާނެ ކަމަށެވެ. އަދި ލަފައެއް ދެއްވިނަމަ، އެކަމުގެ ހެކި ލިޔުމުން ހުށަހެޅުމަށް ދައުލަތުގެ ކިބައިން ނިހާޔަތު އެދިވަޑައިގެންނެވިއެވެ. ދައުލަތުން ޖަވާބުގައި ބުނެފައިވަނީ ލިޔުމުން އެފަދަ ހެއްކެއް ނެތް ނަމަވެސް އެއިރު ޕީޖީގައި މަސައްކަތްކުރި މުވައްޒަފުން ނިހާޔަތު މި މައްސަލާގައި ލަފާދެއްވި ކަމަށް ބުނެފައިވާ ކަމަށެވެ. ނިހާޔަތު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެއިރު އޭނާ ފައިނޭންޝަލް ކުރައިމްސް ޔުނިޓުގެ ވެރިއަކަށް ހުންނެވި ނަމަވެސް އެމްއެމްޕީއާރުސީ މައްސަލައިގެ ކަންކަން ކުރިއަށް ގެންދިޔައީ އެ ޔުނިޓުން ނޫން ކަމަށާއި، އެކަންކަން ބެލެހެއްޓި އެ އޮފީހުގެ މޭޖާ ކުރައިމްސް ޔުނިޓުންނެވެ. މިއަދު ޝަރީޢަތުގައި މިކަމާމެދު ގޮތެއް ނިންމުމަށް މެދުކަނޑައިލުމަށްފަހު، އަލުން ޝަރީޢަތް ފައްޓަވައި، މައްސަލަ ބައްލަވާ ޤާޟީ އަޙްމަދު ޝަކީލު ވިދާޅުވެފައިވަނީ ޑެޕިއުޓީ ޕީޖީގެ މަޤާމުގައި ހުންނެވި ބޭފުޅަކާ މަޝްވަރާނުކޮށް ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގެ ކަންކަން ނިންމާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެން ވިދާޅުވުމުން ނިހާޔަތުވަނީ އެއިރު ދެ ޑެޕިއުޓީ ޕީޖީން ތިއްބެވި ކަމަށާއި، އެމްއެމްޕީއާރުސީ މައްސަލަތައް ކުރިއަށް ގެންދިޔައީ އެއިރުވެސް ޑީޕީޖީގެ މަޤާމުގައި ހުންނެވި މަޙުމޫދު ސަލީމުގެ ބެއްލެވުމުގެ ދަށުން ކަމުގައެވެ. ޤާޟީ ޝަކީލު ވިދާޅުވެފަިއވަނީ ދެ ބޭފުޅުން އެ މަޤާމުގައި ތިއްބެވިނަމަވެސް އެއް ބޭފުޅަކު ޗުއްޓީއަށް ވަޑައިގަތުމުން އެ ބޭފުޅެއްގެ މަސްއޫލިއްޔަތުތައް ދެން ހުންނަވާ ޑީޕީޖީއަކު އަދާކުރައްވަންޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ނިހާޔަތަށް މި މައްސަލާގައި ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ފުރުޞަތު ނުދެއްވަން ނިންމެވީ އެފަދަ ހުރިހާ ކަމަކަށް ބެއްލެވުމަށްފަހުގައި ކަމަށް ޤާޟީ ވިދާޅުވިއެވެ. ނިހާޔަތު ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމުމުން ޢާޠިފުވަނީ އައު ވަކީލެއް އައްޔަންކުރުމަށް 10 ދުވަހުގެ މުހުލަތެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. ޤާޟީ ޝަކީލުވަނީ އެ ފުރުޞަތު ދެއްވައި، އަންނަ މަހުގައި މި ޝަރީޢަތުގެ އަޑުއެހުންތައް ބާއްވަވާނެކަން އިއުލާނުކުރައްވާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ