މީހަކު ބުނާ ބަހެއް ޅެމަކަށް ވަނީ އެއިން އެމީހަކަށް ކުރާ އަސަރަކުން: ރައީސް މައުމޫން

މީހަކު ބުނާ އެއްޗެއް ޅެމަކަށް ވަނީ އޭގެ ސަބަބުން ތިމާގެ ހިތަށް ކުރާ އަސަރަކުން ކަމަށް ނިޝާން ޣާޒިގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޅެންވެރިންގެ ބަހާރު 2021 ގެ ނަމުގައި ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން، ވީޓީވީންނާއި، ވީޓީވީގެ ފޭސްބުކް ޕޭޖުން ލައިވްކޮށް ގެނެސްދިން މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ނިޝާން ޣާޒިގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ މީހަކު ބުނާ އެއްޗެއް ޅެމަކަށް ވަނީ އެ އެއްޗަކުން ތިމާގެ ހިތަށް ކުރާ އަސަރަކުން ކަމަށެވެ.
ރައީސް މައުމޫން ވަނީ މިކަމަށް ބާރުދޭ މިސާލެއް ކީރިތި ޤުރުއާނުން ޖައްސަވާފައެވެ. މުޝްރިކުންގެ މީހުން ކީރީތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް މުހާތަބުކޮށް އެއީ ޝާއިރެކޭ ބުނަމުން ގެންދިޔަކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ވަހީ ބަސްފުޅު ނަމަވެސް މުޝްރިކުން ކީރިތި ރަސޫލާއާ މުހާތަބުކުރައްވާ އެއީ ޝާއިރެކޭ ބުނަމުން ގެންދިޔައީ އެކަލޭގެފާނު އިއްވަވާދެއްވަމުން ގެންދެވި ޤުރުއާނުގެ މޫރިތި އާޔަތްތަކުގެ ރީތިކަމުން އެމީހުންގެ ހިތަށް ކުރި އަސަރުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ޅެމަކީ މީހަކު ބުނާ އެއްޗެއް މިއުޒިކަށް ބަދަލުކޮށްދޭ ފަންނެއް ކަމަށެވެ. ޅެންވެރިކަމުގެ އެންމެ މުހިންމު ސިފައަކީ އޭގައި ހުންނަ މިއުޒިކް ކަމަށާއިި ޅެންވެރިކަމަކީ ގިނަ ބަޔަކު ހިއްސާކުރާ އާލަމީ ފަންނަކަށްވާތީ އެއީ ވަރަށް މުއްސަނދި އިންސާނީ މަސައްކަތެއް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީގެ ވާހަކަަފުޅުގައި ވަނީ ޅެންވެރިންގެ މަސައްކަތުން ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓޭކަމަށް ވިދާޅުވެފައެވެ. ޅެންވެރިންގެ ހިތުގެ ޝުއޫރުތަކުގެ ފުން އިހުސާސްތަކުން ހިތްތަކަށް މީރުކަން ލިއްބައިދޭކަމަށް އަޝްރަފު ވިދާޅުވިއެވެ.
ޅެމުން މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނުވައި ދަތި ހާލުތަކުގައި ކެތްތެރިވުމަށް އުނގަންނައިދެވޭކަމަށް އަޝްރަފު ވިދާޅުވިއެވެ. ހަޔާތުގައި ކިތަންމެ އުނދަގޫ ކަމަކާ ކުރިމަތިލާންޖެހުނުނަމަވެސް ޅެމުގެ ފަށުވި ފޭރާންތަކުން އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ގެނުވައިދޭކަމަށް އަޝްރަފު ވިދާޅުވިއެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަސް ކުރިމަތިވެފައިމިވަނީ މުޅި ދުނިޔެވެސް ނުރައްކާތެރި ބައްޔަކާ ހަނގުރާމަކުރަމުންދާ ވަގުތެއްގައިކަން ފާހަގަކުރައްވައި އަޝްރަފު ވިދާޅުވީ މިފަދަ އުނދަގޫ ވަގުތެއްގައިވެސް ގައުމުގެ ހާލަތު ހަމައަަކަށް އަޅުވަން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިއަހަރުގެ ޅެންވެރިކަމުގެ ދުވަހާ ގުޅިގެން ކަނޑައަޅާފައިވާ ޝިއާރުންވެސް މިކަންކަން ކުރުމަށް ބާރުއަޅާކަމަށް އަޝްރަފު ވިދާޅުވިއެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޝިއާރު "ތެދުވާށެ އަލުން އާދިރުމެއް ދޭނެ ގޮތެއްގައި" ހާއްސަކޮށްފައިވަނީ އައްނަބީލާ ފާތިމަތު ސައީދަށް ކަމަށް އަޝްރަފު ވިދާޅުވިއެވެ. އެކަމަނާގެ ރޫހުފުޅާއި، އެކަމަނާގެ ލޭގައިވެސް ވަނީ ޅެންވެރިކަމުގެ ތަޢާސީރު ކަމާމެދު ޝައްކެއް ނުކުރައްވާކަމަށް އަޝްރަފު ވިދާޅުވިއެވެ.
އެހެންކަމުން އެކަމަނާއަށް ހާއްސަކޮށްގެން ޅެންވެރިންގެ ދުވަހެއް ބޭއްވޭކަމީ ޅެންވެރިންނަށް އައު އުފެއްދުތަންތަކުގެ ތެރޭގައި ފީނުމަށާއި، ފުރިހަމަގޮތެއްގައި ޅެން ހުށަހަޅަން ފޯރުވައިދިން ފުރުސަތެއް ކަމަށްވެސް އަޝްރަފު ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި ޅެންވެރިކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މި ޖަލްސާއަކީ ޅެންވެރިން އެމީހުންގެ ހުނަރު ބޭނުންކޮށްގެން ދިވެހި ގައުމަށް ކޮށްދެއްވަމުންގެންދާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި ޖަލްސާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ