ކޯޕްރަލް ފަރުހަތު ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

ސިފައިންގެ ކޯޕްރަލްގެ މަގާމުން ގދ. މަޑަވެލި ރަތްވިލާގެ ފަރުހަތު އަހުމަދު ވަހީދު ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުންވެސް ހުކުމް ކޮށްފި އެވެ.
އެ މަގާމުން ފަރުހަތު ވަހީދު ވަކިކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.
ފަރުހަތު މަގާމުން ވަކިކޮށްފައި ވަނީ ސިފައިން ކުރާ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވައިދާއި، ސިފައިންގެ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ވަޒީފާއަށް އަލުން އަނބުރާ އިޔާދަ ކޮށްދީ، އެ ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތަކާއި ވަޒީފާގެ ކުރިއެރުމާއި އަދި ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ލިބި ދިނުމަށް އެދި ސިވިލްކޯޓަށް ފަރުހަތު މައްސަލަ ހުށަހެޅިއެވެ.
އެ މައްސަލައިގައި ސިވިލްކޯޓުން ނިންމާފައި ވަނީ ފަރުހަތު އެދުނުގޮތަށް އެކަންތައްތައް ކޮށް ދިނުމަށް، ދައުވާ ރައްދުވާ ފަރާތް ކަމުގައިވާ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށާއި ދިވެހި ދައުލަތަށް އަންގާނެ ތަނެއް ނެތްކަމަށެވެ.
އެނިންމުމާ ގުޅިގެން ފަރުހަތުގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ހުކުމް ކޮށްފައި ވަނީ ސިވިލް ކޯޓުގެ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުރަވެވޭތީ، އެނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް ހައިކޯޓުގައި މިގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.
ފަރުހަތު ވަޒީފާއިން ވަކިކޮށްފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޑިއުޓީއަށް ފަރުވާ ކުޑަކުރުމާއި، ޑިއުޓީއަށް ހާޒިރު ނުވުމާއި، ސިފައިންގެ އަހުލާގާއި ސުލޫކާ ހިލާފު ވުމާއި، ސިފައިން ސަލާމް ހެއްދުމުގެ ގަވާއިދާ ހިލާފުވުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށްތަކާއި ގުޅިގެން ކުރެވުނު ތަހުގީގަކާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ