އަނީސްގެ ކަށިތައް ކަމަށް ބުނާ ކަށިތަކަށް 800 އަހަރު ވެއްޖެ ކަމަށް އުމަރު ކުރާ ތުހުމަތަށް ފުލުހުން ވަކި ޖަވާބެއް ނުދެއްވި!

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ޖަލުގައި މަރާލި ކަމަށް މި ސަރުކާރުން ތުހުމަތު ކުރާ ވ. ކެޔޮދޫ ބަށިގަސްދޮށުގޭ އަބްދުﷲ އަނީސް (އަތްބަޅޭ)ގެ ކަށިތައް ކަމަށް ބުނާ ކަށިތަކަކީ 800 އަހަރު ވެފައިވާ ކަށިތަކެއް ކަމަށް ތައިލެންޑާއި އިނގިރޭސި ވިލާތުގެ ލެބޯޓްރީއަކުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ޒެޑް ޑީއާރުޕީގެ ހިންގާ ކޮމިޓީގެ ރައީސް އުމަރު ނަސީރު ވިދާޅުވި ނަމަވެސް އެ ކަށިތަކާ ބެހޭ މައުލޫމާތު ދެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް މިއަދު ވިދާޅުވީ، އެކަށިތަކާ ބެހޭ ތަހުގީގުތައް ކުރިއަށް ދާތީ އެކަމާ ބެހޭ މައުލޫމާތު ދެވެން ނެތް ކަމަށެވެ. ނަމަވެސް އެ ކަށިތައް ދިރާސާ ކުރުގެ މަސައްކަތް ކުރަނީ ބޭރު ގައުމުތަކަށް ފޮނުވައިގެން އެ ގައުމުތަކުގެ ލެބޯޓްރީތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ގައުމުތަކަކީ ކޮން ގައުމުތަކެއް ކަމެއް ވެސް މީޑިޔާ އޮފިޝަލް ވިދާޅެއް ނުވި އެވެ.
ބުރާސްފަތި ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ޒެޑް ޑީއާރުޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، 2009 ވަނަ އަހަރު ގާމާދޫ ޖަލުގެ ސަރަހައްދުން ފެނުނު އެ ކަށިތައް ދިރާސާކުރުމަށް ފަހު ތައިލެންޑް ލެބޯޓްރީން ފުލުހުންނަށް ދީފައިވާ ރިޕޯޓް އޭނާ ކިއުއްވާފައިވާ ކަމަށެވެ.
"އެކަށިތައް މިބޭފުޅުން ގެންދިޔައީ ތައިލެންޑްގެ ލެބޯޓްރީއަކަށް ޓެސްޓް ކުރަން. ތައިލެންޑުން ވިދާޅުވީ ތިޔައީ 800 އަހަރުވެފައި ހުރި ކަށިތަކެކޭތީ. އަޅެ މިއަށް އިއުތިރާޒް ކޮށްބަލަ (ރައީސުލްޖުމްހޫރިއްޔާ) މުހައްމަދު ނަޝީދު ނުކުމެ. އެއޮތީ ފުލުހުންގެ އަތުގައި އޭގެ ރިޕޯޓް. އަޅުގަނޑުމެން ބަލައިފައި މި ދަންނަވަނީ. ތައިލެންޑްގެ ލެބޯޓްރީން އެހެން ބުނީމަ ކަމުނުގޮސްގެން އެމެރިކާގެ ލެބޯޓްރީއަކަށް ގެންދިޔައީމަ ބުނަނީ ތިޔައީ 800 އަހަރުވެފައި ހުރި ކަށިތަކެކޭ. ތި މީހާއަކީ 30 އަހަރުގެ މީހެކޭ،" އުމަރު ވިދާޅުވި އެވެ.
މާފުށީ ޖަލު ސަރަހައްދުން ފެނިފައިވާ ކަށިތަކުގެ މައްސަލައިގައި ތަފާތު ގޮތް ގޮތަށް ރައީސް ނަޝިދުގެ ސަރުކާރާއި އެމްޑީޕީން ކުރީގެ ރައީސް މައުމޫނަށް އެކި ގޮތް ގޮތުން ތުހުމަތު ކުރައްވަމުން ގެންދެވި ނަމަވެސް އެ ކަށިތައް ދިރާސާ ކުރުމުގެ މަސައްކަތް ފިޔަވައި މިހާތަނަށް އެކަމާ ބެހޭ އެއްވެސް ކަމެއް ނަތީޖާ އަކާ ހަމައަށް އަދި ގޮސްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ