މަސްތުވާތަކެއްޗާ ގުޅުން އޮތީ ނަޝީދު، ރައީސް ޔާމީނެއް ނޫން - އުމަރު

މަސްތުވާތަކެއްޗާ އެތަކެތީގެ ބޮޑުންނާ އެންމެ ގުޅުން އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ކަމަށާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ މިފަދަ ފަރާތްތަކާ ގުޅުމެއް ނުވާ ކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރު، ޢުމަރު ވަނީ، މަސްތުވާތަކެއްޗާއި ގޭންގްތަކުގެ ބޮޑުންނާ ރައީސް ޔާމީނާ ގުޅުމެއް ވާ ކަމަށް ބުނެ ވަރަށް ފާޅުގައި ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޢުމަރު ވަނީ ރައީސް ޔާމީނަށް މީގެ ކުރިން ކުރި ތުހުމަތުތައް އަނބުރައި ގެންދަވައި، އެ ތުހުމަތުތައް ރައީސް ނަޝީދަށް ކުރައްވާފަ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހޯމް މިނިސްޓަރ ޢުމަރާ ކުރެއްވި ސުވާލުގައި ވަނީ، ރައީސްް ޔާމީނާއި އެފަދަ ފަރާތްތަކާ ގުޅުމެއް ވޭތޯ ކުރިން ތުހުމަތު ކުރައްވާފައިވާ އިރު، އެކަމުގެ ތަހްޤީޤު މިހާރު ވަނީ ކިހާ ހިސާބެއްގައި ތޯ އެވެ.
އޭގެ ޖަވާބު ދެއްވަމުން، ޢުމަރު ވިދާޅުވީ މިފަދަ ފަރާތްތަކާ ގުޅުން އޮންނަނީ ކުރީގެ ރައީސް ނަޝީދާ ކަމަށާއި، އެމަނިކުފާނަކީ ބަނގުރާ ބޭނުންކުރައްވާ ބޭފުޅެއްގެ އިތުރުން، އެމަނިކުފާނުގެ ކުޑަކަމުދާ ތަކެތި މިހާރުވެސް ޓެސްޓް ކުރިޔަސް ޕޮޒިޓިވް ވާނެ ކަމަށެވެ.
މީގެ އިތުރުން، ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކޮށް ޢުމަރު މީގެ ކުރިން ތުހުމަތު ކުރައްވާފައިވާ ކަންކަމާ މެދު އެމްޑީޕީ މެމްބަރުން ސުވާލު ކުރެއްވުމުން، ޢުމަރު ޖަވާބު ދެއްވީ ޖެއްސުމުގެ ރާގުންނެވެ. އަދި ޖެއްސުމަށް ސުވާލު ކުރާ ނަމަ ޖަވާބު އަންނާނީ ވެސް އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ ނާއިބު ރައީސް އަދި އެމްޑީޕީއަށް ނިސްބަތްވާ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، ވަކި ޕާޓީއަކަށް ދިމާނުކޮށް އިހްތިރާމާ އެކު ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ