ދިވެހި ފިލްމީ ދާއިރާ އިން ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ވީމީޑިއާ ގުރޫޕްގެ މުހައްމަދު މަނިކަށް ލިބިވަޑައިގެންފި އެވެ.
މަނިކަށް މި އެވޯޑް ލިބިވަޑައިގެންނެވީ މިރޭ އޮލިމްޕަހުގައި ކުރިއަށްދިޔަ ހަވަނަ ގައުމީ ފިލްމް އެވޯޑްސްގަ އެވެ.
މަނިކަށް ލިބިވަޑައިގެންނެވި މި ހާއްސަ އެވޯޑް އޭނާއާ ހަވާލު ކޮށްދެއްވީ މަނިކުގެ ވަރަށް އަރިސް ބޭފުޅެއް ކަމުގައިވާ މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އެވެ.
މަނިކު ވަނީ ކެމަރާމަނެއްގެ ގޮތުގައި ދައުލަތުގެ ޓީވީ، ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފަ އެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީމީޑިއާ ގުރޫޕްގެ ޗީފް ކެމަރާމަންގެ ގޮތުގަ އެވެ.
މަނިކު ވަނީ މީގެ ކުރިން ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ސިނެމަޓޯގްރަފީގެ މަގާމަށް ނޮމިނޭޓްވެ ބައެއް އަހަރުތަކުގައި ފިލްމް އެވޯޑްސްގައި، އެވޯޑްވެސް ހޯދާފަ އެވެ.
މަނިކު ވަނީ ގައުމީ ފިލްމް އެވޯޑްސްގައި މީގެ ކުރިން ރަންވަނަތަކެއް ހޯދާފައިވާ ދިވެހި ފިލްމް "ދެރިޔާ" އަދި "އަމާނާތް" ގައި ކެމަރާމަނެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. މީގެ އިތުރުން ބައެއް ޑޮކިއުމެންޓްރީތަކުގައި ކެމަރާކޮށްދިނުމުގެ އިތުރުން މަނިކު ވަނީ ބައެއް ޑޮކިއުމެންޓްރީ ޑައިރެކްޓް ވެސް ކުރައްވާފަ އެވެ.
މަނިކު މަސައްކަތުގެ ދާއިރާގައި 36 އަހަރު ހޭދަކުރައްވާފައިވާއިރު އޭނާ ވަނީ އެތައް ބަޔަކަށް ކެމަރާ ކުރަންވީ ގޮތް ދަސްކޮށްދީ އަދި މިއަދުވެސް ގެންދަވަނީ އެ މަސައްކަތް ކުރައްވަމުންނެވެ.
މުހައްމަދު މަނިކަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ބައްޕަ އެވެ.
ދިވެހި ފިލްމީ ދާއިރާ އިން ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް މުހައްމަދު މަނިކަށް ލިބިވަޑައިގެންފައިވާތީ ވީމީޑިއާ ގުރޫޕްގެ އިސްވެރިންނާ ހުރިހާ މުވައްޒަފުންނާއި ވީނިއުސް ޓީމުގެ ފަރާތުން މަރުހަބާ ކިޔަމެވެ.
ފިލްމީ ދާއިރާގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ވީމީޑިއާގެ މުހައްމަދު މަނިކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ