ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން އެވާޑަށް ޝޯޓްލިސްޓްވި ފަރާތްތަކުގެ ނަން ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިންއާންމުކޮށްފައިވާއިރު އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓާ ގުޅޭ މައުލޫމާތު އާންމުންނާ ހިއްސާކުރި ވިސްލްބްލޯވަރު، ގާސިމް އަބްދުލްކަރީމްގެ ނަންވަނީ މި އެވާޑަށް ހުށަހެޅުނު ހަތަރު ނަމުގެ ތެރޭގައި ހިމެނިފައި ކަމަށް ޓްރާންސްޕެރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.
މި އެވާޑަކީ ކޮރަޕްޝަން ފަޅާއަރުވައި، އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފާހަގަކޮށްލެވޭ ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކަށް ދެވޭ އެވާޑެކެވެ. 2000 ވަނަ އަހަރުން ފެށިގެން ދޭންފެށި މި އެވާޑަށް ދިވެއްސަކުގެ ޝޯޓްލިސްޓްވި މިއީ ފުރަތަމަ ފަހަރެވެ.
މިފަހަރު މި އެވާޑަށް ނަން ހުށަހެޅުނު އަނެއް ތިން ފަރާތަކީ ބްރެޒިލްގެ އެންމެބޮޑު މަނީ ލޯންޑަރިން މައްސަލައިގެ ތަހުގީގު ކަމުގައިވާ ބްރެޒިލްގެ ދަ ކާވޮޝް އޮޕިރޭޝަން އާއި ތުރުކީ ސަރުކާރުން ސީރިއާގެ ހަނގުރާމަވެރިންނަށް ސިއްހީ އެހީގެ ނަމުގައި ހަތިޔާރު ފޯރުކޮށްދިން ކަމުގެ ތުހުމަތު އިންވެސްޓިގޭޓްކޮށް އެކަމާއި ގުޅިގެން ތަފާތު ލިޔުންތައް ޝާއިއުކުރި ކާން ޑޫންޑޫ އަދި ޕެނަމާގެ އޮފްޝޯރ ލޯ ފާރމް މޮސެކް ފޮންސެކާ އާ ގުޅޭ 11.5 މިލިއަން ލިޔެކިޔުން ފަޅާއަރުވާލި އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމް އެވެ.
މިފަރާތްތަކުގެ ނަންތައް ހޮވާލެވިފައިވަނީ 580 ހުށަހެޅުމެއްގެ ތެރެއިންނެވެ. ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން އެވާޑް ލިބޭ ފަރާތެއް އިއުލާން ކުރެވޭނީ ޑިސްމްބަރުމަހުގެ 3 ވަނަ ދުވަހު، ޕެނަމާ ސިޓީގައި ބޭއްވޭ ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ކޮންފަރެންސްގައެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކަޓިވް ޑިރެކްޓާ މަރިޔަމް ޝިއުނާ މިކަމާގުޅިގެން ވިދާޅުވެފައިވަނީީ ގާސިމުގެ ނަން މި އެވާޑަށް ޝޯޓްލިސްޓުވުމުން އުފާކުރައްވާކަމަށާއި ގާސިމަށް މި އެވާޑް ހައްގުވާކަމަށެވެ. އާންމުންގެ ގިނަ ފައިސާތަކާއި ރަށްތަކެއް ކޮރަޕްޝަނަށް ގެއްލިގެން ގޮސްފައިވާއިރު، ގާސިމު އޭނަގެ މަދަނީ ޒިންމާ އުފުލައި އެކޮށްދިނީ އާންމުންނަށް ނުހަނުބޮޑު ޚިދުމަތެއް ކަމަށެވެ. އަދި ރާއްޖޭގެ އިތުރުން، ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ގާސިމުގެ މިޚިދުމަތް ބަލައިގެންފައިވާ ކަމުގައި ފާހަގަ ކުރައްވާ ކަމަށެވެ.
ގާސިމު އެ ވާދަކުރަމުން ދަނީ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަރާތްތަކާއި އެކުކަމަށާއި، އަދި ދައުލަތުން ގާސިމު މިނިވަންކުރުމަށް ޝިއުނާ ވަނީ ގޮވާލައްވައިފައެވެ. އަދި ގާސިމު ފަދަ ވިސްލްބްލޯވަރަކަށް އަދަބު ދެވިގެން ނުވާނެ ކަމަށްވެސް ޝިއުނާ ވަނީ ވިދާޅުވެފައެވެ.
ގާސިމް އަބްދުލްކަރީމްގެ ނަން ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން އެވާޑަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ