ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާނެ ދިވެހި ޕްރިންސިޕަލުންގެ އަދަދު އިތުރުކުރުމުގެ މަގްސަދުގައި އެޑިއުކޭޝަން މިނިސްޓްރީއާއި މެލޭޝިއާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީއާ ގުޅިގެން ކުރިއަށްގެންދިޔަމަސައްކަތު ބައްދަލުވުމުގެ ދެ ވަނަ ބުރު ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.
'ވާކްޝޮޕް އޮން ޕާސަނަލް އިފްކެޓިވްނަސް އޭޒް ސްކޫލް ލީޑާރސް'ގެ ނަމުގައި ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުން ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ކަލާފާނު ސްކޫލް ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އަބްރާހީމް އަސްމާއީލް އަލީ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިބްރާހީމް އިސްމާއިލް ވިދާޅުވީތައުލީމީ ފެންވަރު މަތި ކުރުމުގައި ސްކޫލްތައް ހިންގަން ތިއްބަވާ ގާބިލް ވެރިންގެ ދައުރު ވަރަށް ވެސް ބޮޑު ކަމަށެވެ.
އިބްރާހީމް އިސްމާއިލް ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް ވަނީ ތައުލީމީ ބޮޑެތި ކުރިއެރުންތަކެއް އައިސްފައި ކަމަށެވެ. ނަމަވެސް ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމްގެ ފެންވަރު މަތި ކުރުމުގެ ވާހަކަތައް ދެކެވެން ފެށީ ދާދި ފަހުން ކަން އިބްރާހީމް އިސްމާއިލް ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ އެކަޑަމިކް ހެޑް އަބްދުﷲ އިސްމާއިލްވިދާޅުވީ މި ޕްރޮގްރާމްގެ އިތުރު ދެ ބުރެއް މިއަހަރުގެ ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އެހެންކަމުން ދިވެހި ޕްރިންސިޕަލުންގެ އަދަދު އިތުރުކުރުމުގެ މި ޕްރޮގްރާމްގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން 120 ފަރާތެއް ތަމްރީނުވެގެންދާނެ. " އަބްދުﷲ ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބުރު މިދިޔަ ހަފްތާގައި ފުވައްމުލަކުގައި ކުރިއަށްގެންގޮސްފައިވާ އިރު މި މަސައްކަތު ބައްދަލުވުމުގައި ފުވައްމުލައް، އައްޑޫ، ގދ، ގއ އަދި މާލެ އަތޮޅުން 32 ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިން ޓީޗަރުން ބައިވެރިވިއެވެ. އަދި މިފަހަރުގެ ބުރުގައި ހއ، ހދ، ށ، ނ އަދި ރ އަތޮޅުން 30ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިން ޓީޗަރުން ވަނީ ބައިވެރިވެފަ އެވެ.
މި ޕްރޮގްރާމްގައި ކިޔަވައި ދެއްވާފައި ވަނީ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ބޭފުޅުންނެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވީ މެނޭޖްމަންޓާއި ލީޑާޝިޕްއާއި ގުޅުން ހުރި ދާއިރާތަކުންނެވެ.
މިހާރު ރާއްޖޭގެ ސްކޫލްތައް ހިންގުމުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިފައިވާ ދާއިމީ ދިވެހި ޕްރިންސިޕަލުންގެ ނިސްބަތަކީ %46 ކަމުގައިވާ އިރު، މި ވާރކްޝޮޕްތަކުގެ ސަބަބުން ރާއްޖޭގެ ސްކޫލްތަކުގައި ތިއްބެވި ޤާބިލު ލީޑިންގ ޓީޗަރުންގެ ކިބައިގައި ސްކޫލްތައް ހިންގުމުގެ ހުނަރާއި ޤާބިލިއްޔަތު އިތުރުކުރެވި، ސްކޫލްތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ އަދަދު އިތުރުވެގެން ދާނެއެވެ.
ރާއްޖޭގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސްކޫލްތައް ހިންގަވަން ތިއްބެވި ބޭފުޅުންނަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހި ޕްރިންސިޕަލުންނަށް އަމާޒުކޮށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި އިތުރު ފުރުސަތުތައް ފަހިކޮށްދެމުންނެވެ. އެގޮތުން، ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް ލީޑަރޝިޕް ސްކިލް އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކުން ޖުމްލަ 69 ޕްރިންސިޕަލަކު މިއަހަރުގެ ތެރޭގައި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީ އާއި ޔުނިޓާ ޔުނިވާރސިޓީ އާއި އެޤައުމުގެ ސްކޫލްތަކަށް ޒިޔާރަތްކޮށް ހިންގުމުގެ ދާއިރާއާއި ބެހޭ ތަޖުރިބާއާއި މައުލޫމާތު ވަނީ ހޯދާފަ އެވެ.
މިއަހަރުނިމުމުގެ ކުރިން ޖުމްލަ 100 ޕްރިންސިޕަލުންނަށް މި ފުރުސަތު ދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ޕްރިންސިޕަލްސް އެޓޭޗްމަންޓް ޕްރޮގްރާމްގެ ނަމުގައި މިއަހަރުގެ ތެރޭގައި ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާހަގަކޮށްލެވޭ ސުކޫލްތަކަށް ޕްރިންސިޕަލުން ޒިޔާރަތްކޮށް ސްކޫލް ހިންގުމުގައާއި ދަރިވަރުންގެ ނަތީޖާ އިތުރަށް ރަނގަޅުކުރުމުގައި އެ ސުކޫލްތަކުން ބޭނުންކުރާ ބެސްޓް ޕްރެކްޓިސް ވަނީ ތަޖުރިބާ ކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން އަމަލުކުރާނެ އެއްގޮތްތަކެއް ކަނޑައަޅައި ލިޔެފައިވާ އަތްމަތީ ފޮތެއް ތައްޔާރުކޮށް ނެރެފައިވާ އިރު، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި ސްކޫލްތަކުން އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރުމަށްޓަކައި ވަކި ވަކި އަތޮޅުތަކުގެ ހުރިހާ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ސިލްސިލާ ބައްދަލުވުންތަކެއް އަންނަނީ ބާއްވަމުންކަމަށެވެ.
އިތުރު 30 ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިން ޓީޗަރުންނަށް ސްކޫލް ހިންގުމުގެ ތަމްރީނު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ