"ކަރަންޓް ކެނޑޭ މައްސަލަ ހައްލުވެއްޖެ"

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެޑުމުގެ މައްސަލަ މިވަގުތަށް ހައްލު ވެއްޖެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ދެކުނު ރީޖަނަލް ޑައިރެކްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވީ އިންޖީނުތައް މަރާމާތު ކުރުމުގެ މަސައްކަތް މިވަގުތަށް ނިމި ކަރަންޓް ކެޑުން ހައްލުވެއްޖެ ކަމަށެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމައަށް އިންޖީނު މަރާމާތު ކުރުމަށް އައްޑޫގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކަޑާލާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ އިއްލާންކޮށްފަ އެވެ.
އަދި ކަރަންޓް ކަނޑާލާ ސަރަހައްދުތަކަށް ގަޑިއެއްހާ އިރު ތެރޭ ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް އިއްލާނުގައި ވެއެވެ. ނަމަވެސް މީގެ ދެ ދުވަސް ކުރިން ދުވާލަކު ދެތިން ފަހަރު ކަރަންޓް ކެނޑިފައިވެ އެވެ.
ޒަރީރް ވިދާޅުވީ އިންޖީނު މަރާމާތު ކުރަމުން ދަނިކޮށް އިތުރު ޖަނަރޭޓަރަކަށް މައްސަލަ ދިމާވެގެން ގިނަ އިރުތަކެއް ވަންދެން ކަރަންޓް ކަނޑާލަން ޖެހުނު ކަމަށެވެ.
ނަމަވެސް މިހާރު އެ މައްސަލަ ވެސް ހައްލު ވެފައިވާ ކަމަށް ޒަރީރް ވިދާޅުވި އެވެ.
ޒަރީރް ވިދާޅުވީ ބާކީ ހުރި އިންޖީނުތަކުގެ މަރާމާތު މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. އަދި ހުރިހާ އިންޖީނުތަަކަށް ފުރިހަމަ ސާވިސް އެެއް ނުދެވި ކަރަންޓް ކެޑުމުގެ މައްސަލަ ހައްލު ނުވާނެ ކަމަށެވެ.
އައްޑޫގެ ރަށްތަކުން އެންގުމަކާ ނުލައި ކަރަންޓް ކެޑުމުގެ ސަބަބުން އާއްމު ރައްޔިތުންގެ އަގުބޮޑު އިލެކްޓްރޯނިކްސް ސާމާން ހަލާކުވަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ