ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ވަޒީރުންގެ އިތުބާރުނެތްކަމަށް ނަގާ ވޯޓުތައް ސިއްރުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފައިވާތީ މަޖިލީހުން ނިންމުމާއި ގުޅިގެން އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވަހީދު މިއަދު ވިދާޅުވީ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ޤާނޫން އަސާސީގެ 85 ވަނަ މާއްދާއާއި 73 ވަނަ މާއްދާއާއި ޚިލާފަށް މިއަދު މަޖިލީހުގައި ވޯޓް ނަގާ ފާސްކުރުމާއި ގުޅިގެން ކަމަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއް ނެތް ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ޖަލްސާގެ ބައެއް ސިއްރު ނުކުރެވޭނެ ކަމަށާއި ޖަލްސާ ބާއްވަން ވާނީ ފާޅުކަން ބޮޑު ގޮތެއްގައި ކަމަށް ގާނޫނު އަސާސީގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ އެފަދަ ހާލަތެއް މިޤައުމުގައި ނެތި އިތުބާރު ނެތްކަމުގެ ވޯޓްތައް ސިއްރު ކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ޤަބޫލުކުރެވޭ ނިންމުމެއް ކަމަށް ނުވާތީ މައްސަލަ ހުށައެޅީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު 2:30 އެހާކަންހާއިރު އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ނިންމާފައި ނުވާކަމަށެވެ.
މީގެ އިތުރުން ޤާނޫން އަސާސީގެ 73 ވަނަ މާއްދާގައިވާ އުސޫލްތަކާއި ޚިލާފަށް މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމްގެ ގޮނޑީގެ ސައްހަ ކަމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އެ ދެ މެމްބަރުން ވޯޓު ދެއްވައިގެން މި އިސްލާހް ފާސްކުރުމުން އެއީވެސް ސުވާލު އުފެދޭ ޤާނޫނީ މައްސަލައަކަށްވުން އެކަމާއިމެދުވެސް ގޮތެއް ނިންމައިދިނުމަށް އެދިފައިވާނެކަމަށް ވަހީދު ވިދާޅުވިއެވެ.
އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް އާންމު ކޮމެޓީން ފޮނުވި ރިޕޯޓު މިއަދުގެ ޖަލްސާގައި ފާސްވީ 41 މެންބަރުން ވޯޓް ދެއްވައިގެންނެވެ. ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް 34 މެންބަރުން ވޯޓު ދެއްވި އެވެ.
ވޯޓުތައް ސިއްރުކުރަން ފާސްކުރި މައްސަލަ ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ