ލީޑާސް ޑައިލޮގުގެ ފުރަތަމަ ބައްދަލުވުން މިއަދު ހަވީރު ބާއްވަނީ

"ލީޑާސް ޑައިލޮގް" ގެ ނަމުގައި މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ އިސް ލީޑަރުންނާއެކު ބާއްވާ މަޝްވަރާތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މިއަދު ހަވީރު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މަޝްވަރާތަކުގައި ފުރަތަމަ ބައްދަލުވުމުގައި އޮންނާނީ އެޖެންޑާއެއް ކަނޑައެޅުމެވެ. މި ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 ވެލާނާގޭ ދެ ވަނަ ފަންގިލާގައި އެވެ.
ޕާޓީތަކުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް އެބައްދަލުވުމަށް މިހާރުވަނީ ދައުވަތު އަރުވާފައެވެ.
"ލީޑާސް ޑައިލޮގް" ގެ ނަމުގައި އާ މަޝްވަރާތަކެއް ފަށަން މި ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އިންތިޒާމުކުރައްވައިގެން ބަނޑޮހުގައި ބޭއްވި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމަށްފަހު އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނީ، ދިވެހި ގައުމީ ޕާޓީން ލީޑަރު ރިޔާޒު ރަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި ޑީއާރުޕީގެ ފަރާތުން ލީޑަރު އަހުމަދު ތަސްމީން އަލީ އަދި ޕީޕީއެމް އިން ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު، އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ގޮތުގައި މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ އެ މަނިކުފާނުގެ އެޑްވައިޒަ ހުސެއިން ތައުފީގު (ޓޯޕީ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ