ރެޕަޓްއާގެ މަގާމުން ޑރ. ޝަހީދު ވަކިކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް ވައްދައިފި

އދ. އިން އީރާނަށް ކަނޑައަޅުއްވާފައިވާ ސްޕެޝަލް ރެޕަޓުއާ ޓް ދަ ހިއުމަން ރައިސްޓްސް ޑރ. އަހުމަދު ޝަހީދު އެ މަގާމުން ދުރުކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް ވައްދައިފި އެވެ.
ޑރ. ޝަހީދު މިހާރު ހުންނެވި މަގާމުން ވަކިކުރެއްވުމަށް ގޮވާލާ ގަރާރެއް ހުށަހެޅުއްވީ އެމަނިކުފާނު ފޮރިން މިނިސްޓަރަކަށް ހުންނެވިއިރު އެ މިނިސްޓްރީ ހިންގި ކަމަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެންނެވެ.
ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މަޖިލީހަށް ވެއްދި ގަރާރުގައި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ވަކިބަޔަކަށް ފައިދާއާ މަންފާ ހޯދައިދިނުމަށް އެ މިނިސްޓްރީން ގިނަ ހަރަދުތަކެއްކޮށްފައިވާ ކަމަށާއި އެކަމަކީ ފޮރިން މިނިސްޓްރީގެ އިސް މުވައްޒަފުންތަކެއް ގަސްތުގައިކޮށްފައިވާ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށެވެ. އަދި އެ ހިޔާނާތުގެ މުގުލުގައި ހުންނެވީ އޭރުގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދު ކަމަށެވެ.
ގަރާރުގައި ބުނަނީ ޑރ. ޝަހީދު މިނިސްޓަރަކަށް ހުންނެވިއިރު ފޮރިން މިނިސްޓްރީ ދަށުގައިވާ ބައެއް މިޝަންތަކުގައި އިންޓާންޝިޕްގެ ގޮތުގައި މުއްދަތެއް ނެތް ގޮތަށް، އެމްޑީޕީގެ މަގާމުތައް ފުރުއްވަމުން ގެންދެވި ބޭފުޅުންގެ ދަރިންނާއި އާއިލީ މެންބަރުން ގެއްގުޅެފައިވާ ކަމަށެވެ. އަދި 2010 ވަނަ ބޭރުގައި ހުންނަ ރާއްޖޭގެ މިޝަންތަކަށް ހަރަދުކުރި 88.5 މިލިއަން ރުފިޔާގެ ތަފުސީލެއް ފޮރިން މިނިސްޓަރީގައި ނެތް ކަމަށް އޮޑިޓާ ޖެނަރަލްގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަ ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން 140617ރ. އިތުރަށް މުވައްޒަފުންނަށް ދޫކޮށްފައިވާ ކަމަށާއި އެ ފައިސާގެ ތެރެއިން 80503ރ. ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލް އެ މިނިސްޓްރީގައި ނެތް 2010 ވަނަ އަހަރުގެ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާތީ އެކަން ވެސް ގަރާރުގައި ހިމަނާފައިވެ އެވެ. އަދި ބޭރުގެ މިޝަންތަކުގައި ތިބޭ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުންދަނީ ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް ކަމަށެވެ.
"މިޝަންތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ދައުލަތުގެ ބަޖެޓުން މޯބައިލް ފޯނު ގަނެ ލިވިން އެލަވަންސްގެ ގޮތުގައި ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ފައިސާ ނަގާފައިވުމާއި އަދި ދަރިންނަށް ކިޔަވައިދިނުމަށް ހަރަދު ކުރުމަށް ކަނޑައަޅާފައިވާ ފައިސާ ހަރަދުކޮށްފައި ވަނީ އުސޫލާ ހިލާފަށް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ދަރިންނަށް ކިޔަވައިދިނުމަށް ނެގެން އޮންނަ ފައިސާގެ ކޮންމެ މީހަކުވެސް އެންމެ ބޮޑުކޮށް ނަގާފައިވާއިރު، އޭގެ ބިލުތައް ފެންނަން ނެތް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ،" ގަރާރުގައިވެ އެވެ.
ދެހާސް ދިހަވަނަ އަހަރު ހިނގާފައިވާ ކޮރަޕްޝަންގެ އެ އަމަލަކީ ގަސްތުގައި ފޮރިން މިނިސްޓްރީން ހިންގާފައިވާ އަމަލުތަކެއް ކަމަށާއި އެކަން ތަހުގީގުކޮށްދެއްވުމަށާއި އެކަމުގެ މުގުލުގައި ހުންނެވީ ޑރ. ޝަހީދު ކަމަށެވެ. އެހެންކަމުން އެމަނިކުފާނާމެދު ފިޔުވަޅުއަޅުއްވައި ދެއްވުމަށް ވެސް ގަރާރުގައި ގޮވާލައިފައިވެ އެވެ.
"ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މި ހިޔާނާތުގެ މުގުލުގައި ހުންނެވި ޑރ. ޝަހީދަކީ ދިވެހިރާއްޖެއަށް ލިބިފައިވާ ފުރުސަތެއްގައި ޔޫއެންގެ މަގާމެއްގައި މިހާރު ހުންނެވި ބޭފުޅަކަށްވާތީ މީނާގެ މައްޗަށް ތުހުމަތު ކުރެވޭ މިފަދަ ބޮޑެތި މިފަދަ ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅުއަޅަން ގޮވާލަމެވެ. އަދި މީގެ ކުރިން ކޮސޯވޯ މައްސަލައިގައި ވެސް މިފަދަ ހިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވުމާއެކު ސިލްސިލާ ގޮތެއްގައި މީނާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަތައް އުފުލިފައިވާ ބޭފުޅަކަށްވާތީ ދިވެހިރާއްޖޭގެ ނަމާއި އަބުރާއި ގަދަރައްޓަކައި ވެސް މީނާ މިހާރު ހުރި މަގާމުން ދުރުކުރުމަށާއި މީނާ ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައި މި ގަރާރު މި މަޖިލީހަށް ހުށަހެޅީމެވެ،" ރިޔާޒް ހުށަހެޅުއްވި ގަރާރުގައިވެ އެވެ.
ރާއްޖެއިން ބޭރުގައި ހުންނެވި ޑރ. ޝަހީދު ރިޔާޒް ހުށަހެޅުއްވި ގަރާރާ ގުޅިގެން ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު އެ މަނިކުފާނުގެ ބޮލުގައި އަޅުވައިގެން އެމަނިކުފާނުގެ ނަންފުޅު ޚަރާބުނުކޮށްލެވޭނެ ކަމަށެވެ. އަދި ރެޕަޓުއާގެ މަގާމުން ވަކި ނުކުރެވޭނެ ކަމަށާއި އޮޑިޓް ރިޕޯޓްގައި ބުނާ ކޮރަޕްޝަންގެއް އެއްވެސް އަމަލެއް އެމަނިކުފާނުގެ ބޮލުގައި ނޭޅުވޭނެ ކަމަށެވެ. އަދި އެފަދަ އިނގިލި ދިއްކުރެވޭނެ ކޮރަޕްޝަންގެ އަމަލެއް އެ ރިޕޯޓްގައި ނެތް ކަމަށާއި މާލިއްޔަތު ގާނޫނުގެ ދަށުން އެފަދަ ކަންތައްތަކުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ މާލިއްޔަތު ގާނޫނުގެ ދަށުން ހުންނަ ޒިންމާދާރު ވެރިޔާ ކަމަށެވެ.
"އަޅުގަނޑަށް އިނގިލި ދިއްކުރާ ކޮރަޕްޝަންގެ އަމަލެއް އެ ރިޕޯޓްގައި ނެތް. ހާރިޖިއްޔާގެ މާލިއްޔަތުގައި މައްސަލައެއް ހުރެއްޖެއްއެކަމުގެ ޒިންމާވާންޖެހޭނީ މިނިސްޓްރީ ޒިންމާދާރު ވެރިޔާ. ރިޔާޒު އެއުޅެނީ އޮޅިވަޑައިގެން ސިޔާސީ ކަންތައްތައް ކުރައްވަން. އަޅުގަނޑު މިއަހަރު ވެސް ޔޫއެންއަށް ދިޔައީމަވެސް މި ސަރުކާރު ވެސް އަޅުގަނޑަށް ތާއިދުކޮށް ވާހަކަދައްކާފައިވޭ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ