އަތްކެނޑުމާއި ގަތުލުކުރުމާއި ރަޖަމްކުރަން ރާއްޖޭގެ ރައްޔިތުން ނޭދޭ: ރައީސް

އަތްކަނޑުމާއި ގަތުލުކުރުމާއި ރަޖަމްކުރަން ރަޔްޔިތުން ނޭދޭ ކަމަށާއި އަދި މިއުޒިކް އަޑުއެހުން ހުއްޓާލާކަށް ވެސް ރާއްޖޭގެ ރައްޔިތުން ނޭދޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބޭ ބައެއް ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް މިރޭ ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް ހުރަސްއެޅިފައިވާ ދެ ވައްތަރެއްގެ ވާހަކައެއް އެބައޮތް ކަމަށެވެ.
"އަޅުގަނޑަށް ފާހަގަވަނީ ބޭރު މީހުންނާ އަޅުގަނޑުމެން މާބޮޑަށް ނަފުރަތުކޮށް، އެކަންކަން ފާހަގަކޮށް އެކަމުގައި އަޑު އުފުލައި އުޅޭ އުޅުމާއި އަދި ހަރުކަށި ދީނީ އުސޫލްތައް މި ރާއްޖެ އަށް ތައާރަފުކުރުމަށް އަޑު އުފުލައި ގެންގުޅޭ ހިޔާލުތައް. އަޅުގަނޑުމެންނަށް އެއްވެސް އަތަކަށް ގޮސް ހައްދުފަހަނަޅައެއް ނުދެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދޭ އެދުމެއް ނޯޅޭ ކަމަށާއި "އެ ރައްޔިތުން ނޭދޭ އަތްކަނޑާކަށް ވެސް، ގަތުލުކުރާކަށް ވެސް، ރަޖަމްކުރާކަށް ވެސް" ކަމަށެވެ.
"އަދި އެ ރައްޔިތުން ނޭދޭ އިނގޭތޯ މި ރާއްޖޭގައި ޒުވާނުން މިއުޒިކް އަޑުއެހުން ހުއްޓާލާކަށް ވެސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ މެދުކެނޑުމެއް ނެތި 800 އަހަރުވަން ދެން އިސްލާމީ ސަގާފަތަކާއި އިސްލާމީ ތާރީހެއް އޮތް ތަނެއް ކަމަށެވެ.
"މި ސަރުކާރަކީ މިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ޖާގަދޭނެ ސަރުކާރެއް ނޫން. ހަމަ ގައިމު ވެސް މިހާރު މިސްކިތަށް އަރާ މީހުން ގިނަވާނެ. ދީނީ ދަރުސްދޭލެއް އިތުރުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދަރުސް ދޭ ތަންތަނުގައި ފުލުހުން ތިބެގެން ރެކޯޑްކޮށް އެކިއެކި ތަހުގީގު މިހާރު ކުރަމުންނުދާ ކަމަށެވެ. އަދި ރައްޔިތުންނަށް ދީނީ މައުލޫމާތު އޮޅުންފިލުވުމުގެ ހުރިހާ ފުރުސަތެއް ރާއްޖޭގައި ހުޅުވާލެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ރައްކާތެރިކުރުމަކީ އަދި ދެމެހެއްޓުމަކީ މި ރާއްޖޭގެ ރައްޔިތުން އަބަދު ވެސް ބޭނުންވާނެ ކަމެއް ކަމަށެވެ. އަދި އެކަމަށް ކުޑަވެސް ކިލަނބެއް ނުވަތަ ލޮޅުމެއް އަންނަން އެދޭނެ އެކަކު ވެސް ނުހުންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އިސްލާމް ދީނުގެ ހިމާޔަތުގައި އުފުލާ އަޑަކީ ހަރުކަށި އުސޫލްތައް މި ރާއްޖޭގައި ގާއިމުކުރުމަށް އުފުލާ އަޑެއް. އެ އުސޫލްތައް މި ރާއްޖޭގައި ގާއިމުކުރުމަކަށް މި ރާއްޖޭގެ ރައްޔިތުން ނޭދޭ. ވެދާނެ މި ރާއްޖެ ރައްޔިތުން އަޅުގަނޑު ދެންމެ މިދެންނެވި ބަސް ބުނުމަށް ދަތިވެފައި ތިބި ކަމަށް ވެސް،" ރައީސް ވިދާޅުވި އެވެ. "އެހެން ނަމަވެސް އަޅުގަނޑު ތިބޭފުޅުން އިންތިހާބުކޮށްފައި މިހުރީ. އަޅުގަނޑަށް ޔަގީން ތިބޭފުޅުންނަށް ވަރަށް ސާފުކޮށް އެބަ އެނގިލައްވާ އަޅުގަނޑު މިވާހަކަ ތިބޭފުޅުން ކައިރީ ބުނުމަށް ތިބޭފުޅުން އެބަ އެދޭކަން. އަޅުގަނޑުގެ ހިތުގައި ]މިކަން[ ހިނގާތާ ކިތަންމެ ދުވަހެއްވެއްޖެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ