އެއިމް ސްޓޫޑިއޯ އާއި ފައްތާހުގެ މައްސަލަ: 115،300ރ. ޑައިރެކްޓަރު ފައްތާހު ދެއްކުމަށް ކޯޓުން ހުކުމްކޮށްފި

ފިލްމާއި އިޝްތިހާރު ހެދުމަށް ޑައިރެކްޓަރު އަބްދުލްފައްތާހު އެއިމް ސްޓޫޑިއޯ އިން ކުއްޔަށް ގެންގޮސްފައިވާ ތަކެތީގެ މައްސަލައިގައި އެއިމް ސްޓޫޑިއޯގެ ވެރިޔާ ދ. މާއެނބޫދޫ މުޝްތަރީގެ އަހުމަދު އާމިރު ދައުވާ ކުރުމުން 115،300ރ. އާމިރަށް، ފައްތާހު ދައްކަން ޖެހޭ ކަމަށް މަދަނީ ކޯޓުން ހުކުމް ކުރައްވައިފި އެވެ.
ޝަރީއަތުން މި މައްސަލަ ބެއްލެވުމަށް ފަހު ގާޒީ އިބްރާހިމް މާހިރު މިދިއަ ބުދަ ދުވަހު އިއްވެވި ހުކުމުގައި ވިދާޅުވެފައި ވަނީ ފައްތާހުގެ ފަރާތުން ދަރަނި އަދާކުރުމުގެ ގޮތުން 17 ޖެނުއަރީން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދަރަންޏަށްވާ ފައިސާ ކޯޓަށް ދައްކާ ހަލާސްކުރަން ޖެހޭނެ ކަމަށެވެ. އެއިމް އިން މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މި ފައިސާ ޑައިރެކްޓަރު ދޭން އެއްބަސް ނުވުމުން ކަމަށް އެނގިފައި ވެ އެވެ.
ފައްތާހުގެ މައްޗަށް އިއްވެވި ހުމުގައި ވަނީ ފައްތާހު އެއިމް ސްޓޫޑިއޯގެ ތަކެތި ބޭނުންކޮށްފައި ވަނީ އޭނާ އާއި އެޕޯލޯ އެންޓަޓެއިންމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމުގައި ބުނާ ކަމަށެވެ. ނަމަވެސް ދައުވާކުރާ ފަރާތުން ހޯދަން އެދޭ ފައިސާއަކީ ފައްތާހު އެއިމް ސްޓޫޑިއޯ އިން ކުއްޔަށް ގެންގޮސްފައިވާ ތަކެތީގެ ކުއްޔާއި ތައްޔާރުކުރި ފިލްމާއި އިޝްތިހާރުގެ އެކި ކަންކަމަށް އެ ސްޓޫޑިއޯ އިން ކޮށްފައިވާ ހަރަދުގެ ގޮތުގައި އަދާކުރަންޖެހޭ ފައިސާ ކަމަށް އާމިރު ބުނާ ކަމަށެވެ. އަދި އެއް ލައްކަ އަށްވުރެ ގިނަ ރުފިޔާ ފައްތާހު ދައްކަންޖެހޭ ކަމަށް އާމިރު ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން އެނގޭ ކަމަށާއި އެއިމް ސްޓޫޑިއޯގެ ތަކެތި ބޭނުންކޮށް މަސައްކަތްކޮށްފައިވާ ކަމުގެ އިންވޮއިސް ފައްތާހަށް ލިބިފައިވާ ކަން ފައްތާހުގެ އިއުތިރާފުން އެންގެން އޮންނަ ކަމަށެވެ. އަދި ޝަރުއީ ހަމަތަކުގެ މަތިން ހުވާލައި ދިނުމުން އާމިރު ހުވާކޮށްފައިވާތީ އޭނާ ހޯދަން އެދޭ ފައިސާއަކީ ފައްތާހު ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑަޅުއްވީ ކަމަށެވެ.
ދެ ފިލްމެއް ހެދުމަށް ޓަކައި އެއިމްސް ސްޓޫޑިއޯ އިން ފައްތާހު ނަގާފައިވާ އިކުއިޕްމެންޓަށް ދޭން ޖެހޭ ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ މައްސަލައިގައި އާމިރާއި ފައްތާހާ ދެމެދު މައްސަލަ އުފެދުނީ މިދިއަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި ދެ މީހުންގެ މެދުގައި ކުރިމަތިލުމެއް ހިނގި ކަމަށް ވެސް ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ