ހޮނިހިރު ދުވަހުގެ ރޭ އެއްގަމު ދަތުރުފަތުރު ކުރުން މަނާކުރުން: އެއީ ކުރެވިދާނެ ކަމެއް ނޫން ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 8- 12 އަށް ހަމައަށް މާލޭގައި އެއްގަމު ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތް އޮތުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށާއި އެއީ ކުރެވިދާނެ ކަމެއް ނޫން ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލު އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ ހުސެން ޝަހާމަތު ވިދާޅުވީ އެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ރ. ގައި ބަންދު ކުރެވޭނެ ކަމަށް ބުނެފައި އެ ވަނީ މުޅި ރަށެއްގެ ވާހަކަ ނޫން ކަމަށާއި އެއީ ވަކި ސަރަހައްދެއްގެ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ފުލުހުން ބުނެފައި ވަނީ އެއްގަމު އުޅަނދު ދުއްވުން މަނާކުރީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ރ. ގެ ދަށުން ކަމަށެވެ. އަދި އެއްޗެހި ދުއްވުން މަނާކަމަށް އަންގައި މި މަހުގެ 16 އިން ފެށިގެން އިއުލާން ކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ މި ބާބުގައި (އަސާސީ ހައްގުތައް ބަޔާން ކުރާ ބާބުގައި) ބަޔާންކޮށްފައި އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން، މިނިވަން ޑިމޮކްރެޓިކް މުޖްތަމައެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލު ކުރެވޭނެ މިންވަރަށް ކަމަށެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ރ. ގައި ބުނެފައި ވަނީ ބަންޑާރަ މަގުތަކުގައި އެއްގަމު އުޅަނދު މަޑުކުރުމާއި އެއްގަމު އުޅަނދު ވަނުން މަނާ މަގުތަކާއި ސަރަހައްދުތައް ކަނޑައަޅާނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަމަށެވެ.
ޝަހާމަތު ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ރ. ކިޔާލުމުން ވެސް އެއީ ވަން-ވޭތައް ކަނޑައެޅުމާއި އެފަދަ ކަންތައްތައް ކުރުމަށް ބާރު ލިބިދޭ މާއްދާއެއްކަން އެނގޭ ކަމަށެވެ. އަދި ހަމައެކަނި އެއް މާއްދާއަކަށް ބަލައިގެން މާނަ ކުރުމުން ގިނަ ފުށުއެރުންތަކެއް ވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް، ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ބުނޭ އިގްތިސާދީ މިނިވަންކަން އޮންނާނޭ. އެހެންކަމަށް ވާނަމަ ޓެކްސީ އެއްޗެހި ދުއްވުން ވެސް އެ މާއްދާގެ ދަށަށް އަންނާނެ. އަނެއްކާ 16 ވަނަ މާއްދާގައި ބުނެފައި އޮންނާނެ ހަނި އެއްވެސް އަސާސީ ހައްގެއް ހަނި ކުރެވޭނީ ގާނޫނަކުންނޭ،" ޝަހާމަތު ވިދާޅުވި އެވެ.
ޝަހާމަތު ވިދާޅުވީ ގާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ އިހްތިޔާރު ގާނޫނު އަސާސީގެ 19 ވަނަ މާއްދާއިން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އަދި ގާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ ކަމެއް ހަމަ އެކަކު ވެސް ހުއްޓުވައިގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އޭގެ އިތުރުން ޝަހާމަތު ވިދާޅުވީ އެއްވެސް ކަމެއް އިއުލާނަކުން މަނާ ނުކުރެވޭނެ ކަމަށެވެ.
"ގާނޫނު އަސާސީންނާއި ގާނޫނުން އަޅުގަނޑުމެންނަށް ލިބިދީފައިވާ ހައްގެއް އިއުލާނަކުން މަނައެއް ނުކުރެވޭނެ. އިއުލާނުން މަނާ ކުރަންޏާމު ކުރިން އަޅުގަނޑުމެންގެ އޮތް ސިސްޓަމެއް ނޫންތޯ މިހާރު ވެސް މި އޮތީ،" ޝަހާމަތު ވިދާޅުވި އެވެ. "އެއްވެސް ކަމެއް މަނާ ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނަކުން."
ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވެސް ވިދާޅުވެފައި ވަނީ ފުލުހުން އެ ބުނާ މާއްދާތަކުން އެއްގަމު ދަތުރުފަތުރުކުރުން މަނާ ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އަސާސީ ހައްގެއް އިއުލާނަކުން ނުހިފެހެއްޓޭނެ ކަމަށެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ރ. އަކީ ވަންވޭ އަދި ކާރު ފަދަ އުޅަނދުތައް ވަނުން މަނާ މަގުތައް ކަނޑައެޅުން ފަދަ ކަންކަމަށް ހާއްސަ ކޮށްފައި އޮންނަ މާއްދާއެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެ މާއްދާގެ ދަށުން ވެސް އެކަން ނުކުރެވޭނެ ކަމަށް ޝާއިރު ވިދާޅުވި އެވެ.
ޝާއިރު ވިދާޅުވީ ހޮނިހިރު ދުވަހުގެ ރެއަކީ ހާއްސަ ކަންތައްތަކެއް މާލޭގައި ހިންގި ރެއެއް ކަމަށް ވާއިރު ސަލާމަތީ ސަބަބުތަކަށްޓަކައި ފުލުހުންގެ ގާނޫނުގެ ދަށުން އެއްގަމު އުޅަނދު ދުއްވުން މަނާ ކުރެވިދާނެ ކަމަށެވެ.
"ހާއްސަ ހާލަތެއް ރެއަކީ. އެހެންނަމަވެސް އެ ބުނާ ގާނޫނުތަކަކުން މަނައެއް ނުކުރެވޭނެ އެއްގަމު އުޅަނދު ދުއްވުމެއް. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރެވޭނީ ހަމައެކަނި ފުލުހުންގެ ގާނޫނުގެ ދަށުން،" ޝާއިރު ވިދާޅުވެފައިވެ އެވެ.
އެހެން ނަމަވެސް، ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ ފުލުހުން އެ ވިދާޅުވާ ގާނޫނުގެ ދަށުން އެ ރޭ މާލޭގައި އެއްޗެހި ދުއްވުން މަނާ ކުރެވިދާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ އެއްވެސް މާއްދާއަކީ މުތްލަޤު (އެބްސޮލޫޓް) މާއްދާއެއް ނޫން ކަމަށާއި ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ބޭނުމަކީ ވެސް އެއީ ކަމަށެވެ.
އޭގެ އިތުރުން ސުއޫދު ވިދާޅުވީ އެއްޗެހި ދުއްވުން މަނާކޮށްފައި ވަނީ ފުލުހުންނާއި ޓްރާންސްޕޯޓާއި ގާނޫނީ ވަކީލުންތަކެއް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ދުއްވުން "މަނާ ގަޑީގައި ދުއްވައިގެން" ފުލުހުން ވަނީ 53 މީހެއްގެ ލައިސަންސް ހިފަހައްޓައިފަ އެވެ. އެ ގަޑީގައި ސައިކަލު ދުއްވި ބައެއް މީހުން ފުލުހުން ވަނީ ގަދަކަމުން ހިފަހައްޓާފަ އެވެ. އަދި ފުލުހުންގެ އަމުރަށް ތަބާނުވި ކަމަށް ބުނާ ބައެއް މީހުންގެ ފަހަތުން ފުލުހުން ވަނީ ގަދަކަމުން ދުއްވައިފަ އެވެ.
ގައިރު ގާނޫނީ އަމުރަކަށް ތަބާނުވުމުގެ ހައްގު ވެސް ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ