ހުސްވެފައިވާ އޮޑިޓަ ޖެނެރަލް ކަމުގެ މަގާމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް އަލީ ރަޝީދު އުމަރަށް ރުހުން ދިނުމުގެ މައްސަލަ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވީ ނަމަވެސް އޭނާގެ ނަން ދިރާސާކުރި ކޮމެޓީން ނިންމާފައިވާ ގޮތުން ޕްރޮސީޖަރަލް މައްސަލަތަކެއް ހުރެދާނެތީ އެ މައްސަލަ ފަސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ 00: 9 ގައި ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ޕްރޮސީޖަރަލް މައްސަލަ ކޮމެޓީން ނިންމައިފި ނަމަ އޮޑިޓަ ޖެނެރަލް ކަމުގެ މަގާމަށް އަލީ ރަޝީދު އައްޔަން ކުރެއްވުމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ. އެކަމަކު ޕްރޮސީޖަރަލް މައްސަލަތަކަކީ ކޮބައި ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ. އަދި ވިދާޅުވީ ޕްރޮސީޖަރަލް މައްސަލަތަކާ ގުޅޭ ގޮތުން އަލީ ރަޝީދުގެ ނަން ދިރާސާ ކުރި މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އޮޑިޓަ ޖެނެރަލް ކަމުގެ މަގާމަށް އަލީ ރަޝީދު އައްޔަން ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާއިރު އެ މަގާމަށް އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް އޭނާގެ ނަން ދިރާސާކުރި މާލިއްޔަތު ކޮމެޓީން ވަނީ ނިންމައިފަ އެވެ.
އެ ކޮމެޓީގެ މުގައްރިރު ނާޒިމް މިދިޔަ އޮގަސްޓް ވިދާޅުވެފައި ވަނީ އަލީ ރަޝީދު އުމަރުގެ ނަން ކޮމެޓީން ފޭލްވީ ކަނޑައެޅި ވަރަށް މާކްސް ލިބިވަޑައިނުގަތުމުން ކަމަށެވެ.
ޕްރޮސީޖިރަލް މައްސަލަތައް ހުރެދާނެ ކަމަށް ފެންނާތީ އޮޑިޓަ ޖެނެރަލް ކަމަށް އަލީ ރަޝީދު އައްޔަން ކުރުމުގެ މައްސަލަ ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ