މެންބަރު މުސްތަފާގެ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ)ގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ޕީޕީއެމްގެ ވަގުތީ ކައުންސިލްގެ މެންބަރު އުމަރު ނަސީރު ކުރައްވާ ދައުވާގެ އަޑުއެހުން މާދަމާ ބޭއްވުމަށް ސުޕްރީމް ކޯޓުގައި ޝެޑިއުލްކޮށްފި އެވެ.
އުމަރުގެ ދައުވާގައި ބުނެފައި ވަނީ ކުރިން ރާއްޖޭގައި ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން މުސްތަފާ ނަންގަވާފައިވާ 31،231.66 ޑޮލަރު ( 481،592ރ.) ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކަވާފައިނުވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފުރިހަމަވާންޖެހޭ ޝަރުތުތައް މުސްތަފާގެ ފުރިހަމަވެފައިނުވާތީ އޭނާ މެންބަރުން ކަމުން ވަކިކޮށްދިނުމަށް އުމަރުގެ ދައުވާގައި އެދިވަޑައިގެންފައިވެ އެވެ.
އެ މައްސަލައިގައި އެންމެ ފަހުން ސުޕްރީމް ކޯޓުން އަޑުއެހުމެއް ބާއްވާފައިވަނީ އޮކްޓޯބަރު ،20 2011 ގަ އެވެ. އޭގެ ކުރިން އަޑުއެހުމެއް ބާއްވާފައި ވަނީ މާޗް ،17 2011ގަ އެވެ. އެފަހަރު އަޑުއެހުން ބާއްވާފައިވަނީ އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސްކޮށްފަ އެވެ.
އެ ދުވަހު މުސްތަފާ ޝަރީއަތުގައި ވިދާޅުވެފައިވަނީ އޮގަސްޓް ،26 1997 ގައި ދަށު ކޯޓުން ފައިސާ ދެއްކުމަށް ހުކުމްކޮށްފައި ވަނީ އޭނާގެ ކުންފުނީގެ މައްޗަށް ކަމަށާއި ނަމަވެސް މިހާތަނަށް ވެސް ކުންފުނިން ފައިސާ ދައްކާފައިނުވާ ކަމަށެވެ.
އެ މައްސަލައިގައި އެންމެ ބޮޑަށް ސުވާލު އުފެދެނީ ދަށު ކޯޓުން ކުރި ހުކުމުގައި "މުހައްމަދު މުސްތަފާ، ސީފުޑް އެންޑް ޓްރޭޑް އިންޓަނޭޝަނަލް" އެގޮތަށް ބަޔާންކޮށްފައި އޮތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ